ޚަބަރު

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް ގޯޑަން އެންޑްރޫ ސްޓީވާޓް


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް ހަމަޖައްސައިފިއެވެ.

ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. ޔޫރަޕާއި މެދުއިރުމައްޗާއި އުތުރު އެފްރިކާއާއި އޭޝިއާއާއި އުތުރު އެމެރިކާގެ އެކި ޤައުމުތަކުގައި ގޯޑަން އެންޑްރޫ ސްޓީވާޓްވަނީ މަސައްކަތް ކުރައްވާފައެވެ. މީގެތެރެއިން 20 އަހަރު އެނާ މަސައްކަތްކޮށްފައިވަނީ އެގްޒެކެޓިވް އަދި ބޯޑު ލެވަލްގެ މަޤާމުތަކުގައެވެ.

ގޯޑަން އެންޑްރޫ ސްޓީވާޓް އެމްއޭސީއެލްގެ މަޤަމުގެ މަސްއޫލިޔަތާ ޙަވާލްވެ މަސައްކަތް ކުރައްވަން ފަށްޓަވާނީ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވުމުންނެވެ. އެމްއޭސީއެލްގެ އެމްޑީއެއް ހަމަޖައްސާފައިމިވަނީ މިމަޤާމު ހުސްކޮށް އޮންނަތާ ދެއަހަރު ފަހުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރެއް ހަމަޖެއްސިއިރު އެކުންފުނީގެ އެމްޑީގެ މަޤާމުގައި ކުރިން ހުންނެވީ އާދިލް މޫސާއެވެ. 2015ވަނަ އަހަރު ޖެނުއަރީ މަހު އެމަޤާމާ ޙަވާލުވެވަޑައިގަތީ ޢާދިލް އިސްތިއުފާ ދެއްވާފައިވަނީ 2018ވަނަ އަހަރުއެވެ. ޢާދިލްގެ އިސްތިއުފާއަށްފަހު އެކުންފުނި ހިންގުމުގައި އެންމެއިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ މޫސާ ޞާލިހެވެ.