މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ދަޢުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިތުރުން މިމައްސަލާގައި ދެން ދަޢުވާކޮށްފައިވާ ފަރާތްތަކަކީ، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. މިފަރާތްތަކުގެ މައްޗަށް ޕްރޮސެކިއުޓާރ ޖެނަރަލް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.
މި އެންމެގެ މައްޗަށްވެސް ދައުވާކުރަނީ ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެންނެވެ. މިމައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ.ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، އެއްމިލިއަން އެއްލައްކަ ސަތާރަ ހާސް އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ތުހުމަތުކުރައްވާފައިވެއެވެ. އަދި މި މައްސަލާގައި ދަޢުވާކޮށް، 28 ޖޫން 2020ގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެއްކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.
މިމައްސަލާގައި ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތްކުރާ ފައިސާގެ ޢަދަދުތައް ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ، 20 މިލިއަން 8 ލައްކަ ފަނަރަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތްދިހަ ލާރިއާއި، ކުށުގެ ޢަމަލުން ހޯދާފައިވާ ފައިސާއާ އެއްކޮށްފައިވާ ފައިސާކަމަށް ތުހުމަތުކުރެވޭ، 35 މިލިއަން 3 ލައްކަ ނުވަދިހަ ދެ ހާސް ހަތް ސަތޭކަ ފަންސާސް ފަސް ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދިފައިވާ 504 މިލިއަން ނުވަ ލައްކަ ދިހަ ހާސް ނުވަ ސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު 5 އަހަރުދުވަހަށް ޖަލަށްލުމަށް ޙުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28ވަނަ ދުވަހުއެވެ. އެމަނިކުފަނުގެ މައްޗަށް ޙުކުމްކޮށްފައިވަނީ ކުށުގައި 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށެވެ.
ނާސިރާ
???