ސިޔާސީ

މައާފްދިނުމާއި އަދަބު ލުއިކުރުމާބެހޭ ގާނޫނުގެ އިސްލާހު ފާސްކޮށްފި


ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރާ މީހެއްގެ އަދަބުގެ ބާވަތް ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ހުށައެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށް ބުނެފައެވެ.ނަމަވެސް ބޮޑެތި ކުށްތަކުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކަށް އަދަބުގެ ބާވަތް ބަދަލުކޮށް ނުދެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. އެކުށްތަކަކީ މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި އެއްވެސް ގާނޫނެއްގެ ދަށުން ސާދަ ގްރާމަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރެގެން އުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައަޅާފައިވާ ކުށާއި، އަދި ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށްވެސް ހިމެނެއެވެ.މީގެއިތުރުން، މީހަކަށް ކަނޑައަޅާފައިވާ އަދަބަކީ އެ ކުށަކާ ގުޅިގެން އެއަށް ވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުސަތު ހުޅުވިފައިވާ ކުށެއް ކަމަށްވާނަމަ އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަށް އެ މީހެއްގެ އަދަބުގެ ބާވަތް ބަދަލުކޮށްދެވޭނެކަމަށްވެސް މިއަދު ފާސްކުރި އިސްލާހުގައިވެއެވެ.