ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމަށް އެންޑީއޭގެ ބޯޑުމެންބަރުންނަށް ނައިބު ރައީސް ގޮވާލައްވައިފި


މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ވަރުގަދަކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފިއެވެ.

މިއަދު މެންދުރު އޮންލައިންކޮށް ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެންބަރުންނާ ބައްދަލުކުރައްވައި އަލަށް އެކުލަވާލެއްވި ބޯޑުގެ ޗެއަރމަނަށާއި މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސްވަނީ އަލަށް އެކުލަވާލެއްވި ބޯޑަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާ ގުޅިގެން އަދި އެއިދާރާތަކަށް އެއްބާރުލުންދީގެން މަސައްކަތް ކުރައްވާނެ ބޯޑެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި ބޯޑުން ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް އަދި ރައްޔިތުންއެދޭ މިންވަރަށް މަސައްކަތްތައް ކުރިޔަށްގެންދަވާނެކަމަށް އުންމީދުކުރައްވާކަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެންޑީއޭގެ މަސައްކަތްތައް ކުރިޔަށްގެންދަވާއިރު މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކާމިޔާބީ ނެރެވޭނެ ގޮތައް މަސައްކަތްތައް ބައްޓަންކުރެއްވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމު އެދެނީ ދިވެހި މުޖުތަމަޢަކީ މަސްތުވާތަކެތިން ސަލާމަތްވެގެންވާ މުޖުތަމައަކަށް ހެދުމަށްކަން ފާހަގަކުރައްވައި ބޯޑުގެ މަސައްކަތްތައް ވެސް އެގޮތަށް އެމަގަށް ކުރިޔަށްގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި،މަސްތުވާތަކެތިން ޤައުމުގެ ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ބޯޑުގެ މަސައްކަތްތައް ކުރިޔަށްގެންދެވުމުގައިވެސް ކަމާގުޅޭ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ޒިންމާދާރުކަމާއެކު އަދި ޒަމާނާގުޅޭގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކުރިޔަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރައްވާނެކަމަށާއި އަދި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.