ޚަބަރު

ސަފާރީއެއްގައި ޖިންސީގޯނާކުރިކަމަށް ބުނާ މައްސަލަ މަޖިލީހުގެ ޖެންޑާކޮމިޓީއަށް


ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީން ބެލުމަށް ނިންމައި އެމައްސަލަ އެޖެންޑާކޮށްފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ނަމަވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމުގައި ރިޔާސަތުގައި އިންނަވާނީ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.

މާދަމާ 2 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގައި، މިމައްސަލަ ކޮމިޓީން ބެލުމަށްޓަކައި ހާޒިރުކުރާނެ އިދާރާތަކާއި، މީހުން ކަނޑައެޅިގެންދާނެކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ. އަދި މި މައްސަލަކުރިއަށް ގެންދާއިރު ޖިންސީ އަނިޔާ ލިބުނު ބިދޭސީ އަންހެންމީހާ ކޮމިޓީއަށް ހާޒިރުވެ ޖަވާބު ދާރީވާން ބޭނުންނަމަ އެފުރުސަތުވެސް ދޭނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ނިންމައި އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. މި ދެ މީހުން ބަންދުން ދޫކޮއްލިނަމަވެސް، އެ މައްސަލަ ފުލުހުން އަދިވެސް ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުކުރު ދުވަހުގެރޭ ފަތިހު 5:00 ހާއިރުއެވެ. މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް، މި ދެމީހުން ދޫކޮށްލީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންކަމަށާ އެ މައްސަލަ އަދިވެސް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ތަޙުޤީޤު ކުރިއަށްދާވަރަކުން ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މޮގެންބޯ ހުޝްހުވާ

ހައްޔަރު ކުރަން އެކަށީގެން ވާވަރުގެ މައްސަލައެއް ނޯއްނާނެނުން މަތީފަރާތުން ކޯލް ތައް އަންނަން ފެށީމަކާ ??