ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް 6.9 ބިލިއަން ޑޮލަރު ދޭން ވައުދުވެއްޖެ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފައިސާ ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ބޭއްވި ޙަރަކާތެއްގައި 6.9 ބިލިއަން އެމެރިކާ ޑޮލަރު ދޭން ވައުދުވެއްޖެއެވެ.

އެމެރިކާއާއި ވިލާތުގެ ޤައުމުތައް ހިމެނޭ ގޮތަށް 40 ޤައުމަކުން ބައިވެރިވި ޙަރަކާތުގައި ޔޫރަޕިއަން އިންވެސްޓްމަންޓު ބޭންކާއި ޔޫރަޕިއަން ކޮމިޝަނުންވަނީ 5.5 ބިލިއަން އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ. އަދި އެމެރިކާއިންވަނީ 545 މިލިއަން އެމެރިކާ ޑޮލަރު ދޭން ވަޢުދުވެފައެވެ. ޖަރުމަނުވިލާތުންވަނީ 429 މިލިއަން ޑޮލަރު ހުށަހަޅާފައިވެއެވެ. ކެނެޑާއިން ހުށަހެޅީ 219 މިލިއަން އެމެރިކާ ޑޮލަރެވެ. ޤަޠަރުން ހުށަހަޅާފައިވަނީ 10 މިލިޔަން އެމެރިކާ ޑޮލަރެވެ. އެ ފައިސާ ބޭނުންކުރާނީ ކޯވިޑް-19އަށް ތަހުލީލުކުރާ ކިޓުތައް ހޯދުމަށާއި ބައްޔަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދުމުގެ މަސައްކަތަށާއި ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް އެހީތެރިވުމަށެވެ.

ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވުމުން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ވެކްސިން ލިބޭނެކަން ޔަޤީންކުރަންވާނެކަމަށް ޙަރަކާތުގައި ބައިވެރިވި ގިނަ ޤައުމުތަކުންވަނީ ބުނެފައެވެ. ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވީ ވެކްސިން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެކްސިން ލިބޭނެ އިންތިޒުމް ހަމަޖައްސައިދޭންޖެހޭނެކަމަށެވެ. ވެކްސިން ގަތުމަށް މުއްސަނދި ޤައުމުތަކުން ނަން ނޯޓުކުރާ ގޮތަށް ފަޤީރު ޤައުމުތަކާއި މެދު ފަންތީގެ ޤައުމުތައް ހިމަނައިގެން ޢަދަދުތައް ޖެހުމަށް ހިތްވަރުދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސްވަނީ އެ މޭރުމުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ވެކްސިނެއް ތައްޔާރުވި އިރަކުން އެންމެނަށް އެ ވެކްސިން ލިބޭނެކަން ޔަޤީންކުރުމަކީ ދުނިޔޭގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތެއްކަމަށެވެ. ފަރަންސޭސިވިލާތާއި އިޓަލީވިލާތުންވެސްވަނީ އެ ޚިޔާލަށް ތާޢީދުކޮށްފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވިދާޅުވީ ކޮންމެ ބަޔަކުވެސް ހަމައެކަނި އަމިއްލަ ޤައުމަށް އެހީތެރިވުމުގެ ވިސްނުން ދޫކޮށްލައި އެކުގައި މަސައްކަތްކުރަން ޖެހޭކަމަށެވެ.