މީގެ ހަތަރު އަހަރު ފަހުން އޮންނަ ފީފާ ވޯލްޑް ކަޕުގައި ޖުމްލަ 64 ޤައުމެއްގެ ޤައުމީ ޓީމު ވާދަކުރާނެކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިރާރާ، ކޮންމެބޯލްގެ ރައީސް، އަލެހަންދްރޯ ޑޮމިންގޭޒް ބުނެފިއެވެ.
މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ޑޮމިންގޭޒް ވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބައެއް މެޗުތައް އުރުގުއޭ އާއި އާޖެންޓިނާގެ އިތުރުން ޕެރެގުއޭގައި ކުޅޭއިރު މިއީ ފުޓުބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މިއީ ފުޓުބޯޅައިގެ ގަރުނެއްވީ ޢީދުގެ އުފާވެރިކަން ލިބިގަންނަން، 64 ޤައުމާއެކު ލިބިގެންދާ ފަހި ފުރުސަތެއްކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަގީގީ ހޯސްޓުންނަކީ ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯއެވެ. އެހެންނަމަވެސް އެ ވޯލްޑް ކަޕް އޮތް ތާރީހަކީ، އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުުނުތާ 100 އަހަރު ފުރޭ އަހަރު ކަމަށްވުމުން، ފީފާ އިން ވަނީ، އިތުރު ތިން ގައުމެއްގައި ވެސް ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅެން ނިންމާފައެވެ. އެއީ، ދެކުނު އެމެރިކާގެ ތިން ގައުމު ކަމަށްވާ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ.
ޑޮމިންގޭޒްގެ މި ވާހަކަތަކާ ގުޅިގެން، ފީފާ އިން ރަސްމީ ސިފައެއްގައި ޖަވާބެއް ދީފައިނުވި ނަމަވެސް، ފީފާގެ ރައީސް އިންފަންޓީނޯ މީގެ ކުރިން ބުނީ، ވޯލްޑް ކަޕްގައި 2030 ވަނަ އަހަރު ބައިވެރިވާނެ ޓީމުތަކުގެ އަދަދު އިތުރުކުރަން މަޝްވަރާކުރާނެ ކަމަށެވެ.
އިންފަންޓީނޯ ބުނީ 48 ޓީމުން 64 ޓީމަށް އިތުރު ކުރުން އެއީ ގަބޫލް ކުރެވޭކަމެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތަށްފަހު މިކަމާގުޅޭގޮތުން ފީފާގެ އެކި ކޮމިޓީތަކުގައި މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމާނެކަމަށް އޭނާ ބުނެފައިވެއެވެ.
ފީފާގެ ރައީސް ބުނީ ވޯލްޑް ކަޕެއް އިންތިޒާމް ކުރާއިރު އެމުބާރާތަކީ ޔޫރަޕާއި ދެކުނު އެމެރިކާއަށް އެކަނި އިސްކަން ދިނުމަށް ވުރެ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ހެދޭތޯ ބެލުން މުހިންމު ކަމަށެވެ.
1930 ވަނަ އަހަރު 3 ބައްރެއްގެ 13 ޓީމަކާއެކު އުރުގުއާއީގައި ފެށި ވޯލްޑް ކަޕްގެ ދެވަނަ މުބާރާތުގައި 16 ޓީމު، ތިންވަނަ މުބާރާތުގައި 15 ޓީމު އަދި 1950 ވަނަ އަހަރުގެ މުބާރާތުގައި 13 ޓީމު ބައިވެރިވި ނަމަވެސް 1954 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރުގެ މުބާރާތާއި ހަމައަށް ވަނީ 16 ޓީމު ވާދަކޮށްފައެވެ.
އަދި 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި މުބާރާތުގައި 24 ޓީމަށް އިތުރު ކުރެވުނުއިރު 1994 ވަނައަހަރު އެމެރިކާގައި ބޭއްވި މުބާރާތާއި ހަމައަށް 24 ޓީމު ވާދަކޮށްފައިވެއެވެ. އަދި 1998 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ބޭއްވި މުބާރާތް ވެގެންދިޔައީ 32 ޓީމަށް އިތުރު ކުރެވި ބޭއްވި ފުރަތަމަ މުބާރާތަށެވެ.
2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތް ވެގެން ގޮސްފައިވަނީ 32 ޓީމާއެކު ކުޅުނު ފަހު މުބާރާތަށެވެ. އަދި މިފަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މުބާރާތަކީ 48 ޓީމަށް އިތުރު ކޮށް ފީފާއިން ބޭއްވި ފުރަތަމަ މުބާރާތެވެ.