ޚަބަރު

ފުލުހުންގެ ބިލަށް 40 އިސްލާހު، ޤަވާއިދު ހެދުމުގެ ބާރު ހޯމް މިނިސްޓަރަށް


ފުލުހުން އަމަލުކުރާ ޤަވާއިދުތަކާއި، އިދާރީ ގަވާއިދުތައް ހެދުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިދޭގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން
ފުލުހުންގެ ބިލަށް އިސްލާހުތަކެއް ހުށައަޅުއްވައިފިއެވެ.

އެބިލަށް އެޓާނީޖެނެރަލްގެ އޮފީހުން ވަނީ 40 އިސްލާހެއް ހުށައަޅުއްވާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް އިތުރު އިސްލާހުތަކެއް ހުށައަޅުއްވާފައި ވަނީ ބިލުގައި ހުރި ކަންކަމާއިމެދު އިތުރަށް މަޝްވަރާކޮށް ކަމާއި ގުޅުންހުރި އިދާރާތަކުގެ ލަފާގެ މަތީންކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއިއެކު ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކައުންސެލް ޖެނެރަލް އައިޝަތު ނައީމް ވިދާޅުވީ، މިބިލަށް އިސްލާހު ހުށަހަޅާފައި ވަނީ ފުލުހުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ހޯމް މިނިސްޓްރީއާއިއެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައިކަމަށެވެ.

ބިލަށް ހުށަހެޅި 40 އިސްލާހުގެ ތެރެއިން މުހިންމު ބައެއް އިސްލާހުތަކަށް އަލި އަޅުވާލަމުން އައިޝަތު ނައީމް ވިދާޅުވީ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތައް ހެދުމުގެ ބާރު ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިދޭ ގޮތަށް އޮތް މާއްދާއަށް މިހާރު އިސްލާހު ގެނެސްފައިވާކަމަށެވެ. އެގޮތުން ފުލުހުން އަމަލުކުރަންޖެހޭ ޤަވާއިދުތައް ހެދުމުގަޔާއި، ލާމަރުކަޒީ އުސޫލުން ފުލުހުންގެދޭ ޙިދުމަތްތަކުގައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހެދުމުގެ ބާރު ހޯމް މިނިސްޓަރަށް ދީފައިވާ ކަމަށެވެ.

ފުލުހުގެ ޤާނޫނަށް އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކުގައިވާގޮތުން ފުލުހުންގެ ރޭކްތަކުގެ އަދަދުވެސް މިހާރު އޮތް އަދަދަށްވުރެ މަދުވެގެން ދާނެއެވެ. މިގޮތުން ފުލުހުންގެ ރޭންކު ތަކުގެ އަދަދު 11 އަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ކުރިން 12 ރޭންކު ހިމެނޭގޮތަށް އޮތްނަމަވެސް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ކޯޕްރަލް ރޭންކް ވަނީ އުނިކޮށްފައެވެ. މިޤާނޫނުގެ ދަށުން ފުލުހުންނަށް ރާއްޖެއިން ބޭރުގައި ހެކިހޯދުމުގެ ބާރުވެސް ލިބިގެންދާނެއެވެ. އަދި މިބާރުތައް ދެވޭނީ ބައިނަލް އަޤުވާމީ ގޮތުން ހެދިފައިވާ މުއާހަދާތަކާއި ޤަވާއިދުތައް ތަންދޭގޮތުގެ މަތީންކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

ފުލުހުންގެ ބިލަށް އޭޖީ އޮފީހުން ހުށަހެޅިފައިވާ 40 އިސްލާހާއިއެކު ބިލު ދިސާރާކޮށް، ކޮމިޓީ މަސައްކަތް ކުރިއަށް ގެންދަވާއިރު، ދައުލަތުގެ އެކި މުވައްސަސާތަކާއި ކޮމިޓީންދަނީ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ބިލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިހާރު ހުށަހެޅުނު 40 އިސްލާހާއެކު ކުރީގެ ޑްރާފްޓް ހިމެނޭގޮތަށްކަމަށެވެ.

ކޮމިޓީން ބިލުގެ މަސައްކަތް ކުރާއިރު، ކުރިއަށް 2 ހަފްތާގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަމަށާއި އެގޮތުން ދައުލަތުގެ މުވައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޓީ ކައުންސިލްތަކާއިއެކު 25 ފަރާތަކާއި ކޮމިޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އާންމުންގެ ޚިޔާލް ހޯދުމަށް 2 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ފުޅާދާއިރާއެއްގައި އާންމުންގެ ޚިޔާލު ބޭނުންވާތީ މިހާރު ހުޅުވާލެވިފައިވާ ފުރުސަތުގައި ވީހާވެސް ގިނަބަޔަކު އެބިލަށް ޚިޔާލު ހުށަހެޅުއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެފައެވެ. ކޮމިޓީގެ ބިލުގެ މަސައްކަތް ނިންމުމަށް އަމާޒު ކަނޑައަޅާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހަށެވެ.