ކުޅިވަރު

ޓީޓީ އެސޯސިއޭޝަނުން އައްޑޫ ސިޓީ ގަމަށް ޓީޓީ ކުޅޭނެ ސާމާނު ހަދިޔާކޮށްފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އައްޑޫ ސިޓީ ގަމަށް ޓީޓީ ކުޅޭނެ ސާމާނު ހަދިޔާކޮށްފިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން މި ސާމާނުތައް އައްޑޫ ސިޓީ ގަން ޔޫތު ސެންޓަރ ހާވަލުކޮށްދެވީ އެ އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދުއެވެ. ޔޫތް ސެންޓަރގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެވެ.

މިތަކެއްޗަކީ ޓީޓީ އެސޯސިއޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކުޅިވަރު ފުޅާކޮށް ކުރިޔަށް ގެންދިޔުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ހަވާލުކުރެވުނު ތަކެތި ކަމަށް ޓީޓީ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މި ލިބުނު ތަކެއްޗާއެކު އައްޑޫ ސިޓީގައި މި ކުޅިވަރު ފުޅާވެ އިތުރު ހުނަރުވެރި ކުޅުންތެރިން އެ ސަރަހައްދުން އުފެދިގެން ދިޔުން އެއީ އަމާޒެއްކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މިއީ އެހީގެ ޕްރޮގްރާމުގެ ދަށުން ޓީޓީ ކުޅުމަށް ބޭނުންވާ ސާމާނު ހަވާލު ކުރެވުނު ތިންވަނަ ރަށް. މީގެ ކުރިން ބ.ގޮއިދޫ އަދި ތ.ތިމަރަފުއްޓަށް ވެސް ވަނީ ޓީޓީ ކުޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައެވެ.