ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ބޭރުގައި ތިބި 198 ދަރިވަރުންނަށް ފައިސާގެ އެހީ ދީފި


ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ހާލުގައި ޖެހުނު 198 ދަރިވރަކަށް މިހާތަނަށް ފައިސާގެ އެހީ ފޯރުކޮށްދިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދަޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ޝަފީނާ ވިދާޅުވީ ކޯވިޑް 19ގެ ސަބަބުން އެކި ޤައުމުތަކުގައި ކިޔަވަން ގޮސްތިބި ދަރިވަރުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާކަމަށެވެ. މިގޮތުން ކޯވިޑް-19 އެސިސްޓެންސް އުޞޫލްގެ ދަށުން މިހާތަނަށް 198 ދަރިވަރަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 1 މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމުގައި ޝަފީނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ އެހީ، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އުޞޫލެއް އެކުލަވާލައި އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

މި އުސޫލްގެ ދަށުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއް ހަދަމުންދާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރަކީ ސްޕޮންސަރެއްގެ އެހީގައި ކިޔަވަމުންދާ ދަރިވަރަކަށް ވެފައި އެ ދަރިވަރަކަށް ސްޕޮންސަރ ދެމުންގެންދިޔަ އެހީގެ މިންވަރު މަދުވެފައިވާ ދަރިވަރަކަށް ވާންޖެހޭނެކަމަށްވެސް އެހީއަށް އެދޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ ދަރިވަރެއްނަމަ އަމިއްލަ އަށް ޚަރަދުތައް ހަމަނުޖެއްސޭ ނަމަ އެ ދަރިވަރުންނަށްވެސް މާލީ އެހީތެރިކަން އެދި ހުށައެޅޭނެއެވެ.

ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މިދިޔަމަހުގެ 1 ގެ ކުރިން ކިޔަވަން ފެށި ދަރިވަރުންނަށެވެ. އަދި އެދަރިވަރަކީ މިހާރުވެސް ރާއްޖެއިން ބޭރުގައި ހުރި ދަރިވަރަކަށް ވާންޖެހޭނެކަމަށްވެސް އެހީއަށް އެދޭ ޝަރުތަކުގެ ތެރޭގައިވެއެވެ.

އެހީގެ ގޮތުގައި ދޭނެ މިންވަރު ކަނޑައަޅާފައި ވަނީ އެ ދަރިވަރަކު ހުރި ގައުމެއްގެ ސްޓައިޕެންޑް (ދިރިއުޅުމުގެ ޚަރަދަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދު) އަށް ބެލުމަށް ފަހުގައެވެ. އެގޮތުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް 50 ޑޮލަރަށް ވުރެ މަދުން ކަނޑައެޅިފައިވާ ގައުމެއްގައި ނަމަ، އެ ދަރިވަރަށް ދެވޭނީ އެ ގައުމުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓުންކަމަށާއި ދުވާލަކަށް ޖެހޭ އަދަދު 50 ޑޮލަރަށް ވުރެ ބޮޑުވާ ނަމަ، އެ ދަރިވަރަށް ދޭނީ ގިނަވެގެން 50 ޑޮލަރުކަމަށް މި އުޞޫލްގައިވެއެވެ

އެހީ ދިނުމަށް މިނިސްޓްރީން ނިންމާފައި ވަނީ ގިނަވެގެން ދެ މަސް ދުވަހަށެވެ. އެހީގެ ފައިސާ ޖަމާކުރާނީ އެ ދަރިވަރެއްގެ ބޭންކް އެކައުންޓަށް ކޮންމެ 14 ދުވަހަކުން އެއް ފަހަރުއެވެ.