ކުޅިވަރު

ޓީމު ނަގާއިރު އަގުބޮޑު ކުޅުންތެރިންނަށް ނުވިސްނަން: ސެޓިއެން

ފުރަތަމަ 11 ނަގާއިރު އަގުބޮޑު ކުޅުންތެރިން ހިމަނަން ނުވިސްނާ ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

އޭނާ މިހެން ބުނީ ސެލްޓަވީގޯއާ ބައްދަލުކުރި މެޗު 2-2އިން އެއްވެރުވެ ސްޕެނިޝް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލުނު މެޗަށް ފަހު އެވެ. މި ސީޒަނުގައި ބާސެލޯނާ އަށް އަގުބޮޑުކޮށް ގެނައި ފްރާންސްގެ ފޯވަޑް އެންޓޮއިން ގެރިއެޒްމަން ނާރުވާތީވެ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސެޓިއެން ބުނީ އަގުބޮޑު ކުޅުންތެރިއަކަށް ނުވަތަ އަގުހެޔޮ ކުޅުންތެރިއަކަށް ވެގެން އޭނާގެ ޓީމުން ޖާގަ ނުލިބޭނެ ކަމަށެވެ.

މި މެޗުގައި ބާސެލޯނާގެ ދެ ގޯލު ވެސް ޖެހީ ލުއިސް ސުއަރޭޒް އެވެ. މެޗުގެ ނަތީޖާ ހަމަހަމަވީ ލިބުނު ޖެހުމަކުން އިއާގޯ އަސްޕަސް ޖެހި ގޯލުންނެވެ. މިއާއެކު ބާސެލޯނާ އަށް އެއް ޕޮއިންޓްގެ ލީޑަކާއެކު ޓޭބަލުގެ ކުރި ލިބުނު ނަމަވެސް ރެއާލް މެޑްރިޑް ދެން ކުޅޭ މެޗަކުން މޮޅުވެއްޖެނަމަ ދެ ޕޮއިންޓްގެ ލީޑަކާއެކު އެ ޓީމަށް އެއްވަނަ ލިބޭނެއެވެ.

ސެޓިއެން ބުނީ ބާސެލޯނާ އަށް މިހާރު ކުރެވޭނެ ހަމައެކަނި ހަމައެކަނި ކަމަކީ ބާކިހުރި ހުރިހާ މެޗެއް ކާމިޔާބުކޮށް ރެއާލް މެޑްރިޑް ޕޮއިންޓްތަކެއް ގެއްލުވާލާތޯ ބަލަން ތިބުން ކަމަށެވެ.