މުނިފޫހިފިލުވުން

ނެޓްފިލްކްސްގެ އެންމެ ކުރީގައި "ބުލްބުލް"

ދިވެހިންގެ މެދުގައި ފިލްމާއި ސީރީޒް ބެލުމަށް އެންމެ މަޤުބޫލު އެއް ޑިޖިޓަލް ޕްލެޓްފޯމަކީ "ނެޓްފިލްކްސް"އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނެޓްފިލްކްސް އިން އެންމެ ގިނަ ދިވެހިން ބަލަމުންދާ ފިލްމްތަކުގެ ތެރޭގައި އެންމެ ކުރީގައި މިހާރު އުޅެނީ ހިންދީ ފިލްމް "ބުލްބުލް" އެވެ.

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާއާއި އޭނާގެ ބޭބެ ކަރްނޭޝް ޝަރުމާގެ ޕްރޮޑަކްޝަން ހައުސް "ކްލީން ސްޓޭޓް ފިލްމްސް" އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ސުޕަރނެޗުރަލް ހޮރޯރ ފިލްމެކެވެ. ޖޫން 24 ގައި ނެޓްފިލްކްސްގައި ޕްރިމިއަރކުރި މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ "ދޯސްތާނާ"، "ކަމްބަކްތު އިޝްކް"، އަދި "ކުއީން"ފަދަ ކާމިޔާބު ފިލްމްތަކުގެ ޑަޔަލޮގްސްތަކާއި، ލަވަތަކުގެ ލިރިކްސް ލިޔެދީފައިވާ އަންވިތާ ދަތު ކުޕްތަނެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.

"ބުލްބުލް"ގައި ގެނެސްދީފައިވަނީ އިންޑިއާގައި ވަރަށް އާއްމުވެފައިވާ އިޖްތިމާޢީ މައްސަލައެއްކަމަށްވާ ޅަ އުމުރުގައި އަންހެން ކުދިން މީހުންނާއި ދެވުން ނުވަތަ ޗައިލްޑް ބްރައިޑްގެ ޝިކާރައަކަށްވާ ކުއްޖަކު ބޮޑުވަމުންދާއިރު ދިމާވާ ތަފާތު ކަންތައްތަކެކެވެ. އަދި އިންޑިއާގައި ފްލޯކް ވާހަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ "ޗުރޭލް"އާވެސް މި ފިލްމުގެ ޕްލޮޓް ކޮންމެވެސް ވަރަކަށް ވަނީ ގުޅުވާލާފައެވެ. ފިލްމުގައި ބުލްބުލްގެ ރޯލުން ފެނިގެންދަނީ 2017 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ޒުވާން ބަތަލާ ތުރިޕްތީ ޑިމްރީއެވެ. އަވީނާޝް ތިވާރީވެސް ފިލްމުގެ ލީޑް ރޯލަކުން ފެނިގެންދާއިރު، މިއީ މިދެތަރިންގެ ޖޯޑު އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރިލީޒްކުރި "ލައިލާ މަޖްނޫން"ގައިވެސް މި ދެތަރިން އެކުގައި ފެނިފައިވެއެވެ. ތުރިޕާތީ އާއި އަވީނާޝްގެ އިތުރުން ޕައޯލީ ދާމާއި، ރާހުލް ބޮސްވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

މި ފިލްމަށް ބޮލީވުޑް ކްރިޓީކުންގެ ފަރާތުން މާ އެދެވޭ ރިވިއުތަކެއް ލިބެމުންނުދިޔަ ނަމަވެސް، ފިލްމުގައި ބުލްބުލްގެ ކެރެކްޓަރއިން ފެނިގެންދާ ތުރިޕާތީގެ އެކްޓިންނާމެދު ގިނަ ބަޔަކު އަންނަނީ ތަައުރީފުކުރަމުންނެވެ. އަދި އޭނާއަކީ ފިލްމީ ދާއިރާގައި ރަނގަޅު މުސްތަޤުބަލެއް އޮތް އުއްމީދީ ފަންނާނެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް "ޖުރެސިކް ވޯލްޑް - ފޯލަން ކިންގްޑަމް" އަދި "ޖުމާންޖީ - ދަ ނެކްސްޓް ލެވެލް" ފަދަ މަޝްހޫރު ފިލްމްތައް ފަހަތަށް ޖައްސާލުމަަށްފަހު، ރާއްޖޭގައި ނެޓްފިލްކްސް ސަބްސްކްރައިބަރުންގެ މެދުގައި އެންމެ މަޤުބޫލު 10 ފިލްމްމުގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ "ބުލްބުލް"އެވެ. މި ފިލްމް ނުބަލާނަމަ އަވަހަަށް ނެޓްފިލްކްސްއިން ބަލާލާށެވެ. ފިލްމް ކަމުދޭތޯ ނުވަތަ ނޫންތޯ ނިންމާނީ ބެލުންތެރިންނެވެ.