ޚަބަރު

ހުޅުމާލެ 2ވަނަ ފިޔަވަހީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިޢުލާންކުރަނީ


ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ހުޅުމާލޭ 2ވަނަ ފިޔަވަހީގައި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ފެށުމަށް އިއުލާންކުރައްވާނެކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކުރައްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ހައުސިންގް ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައެއް ނިމި 2ވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެޗްޑީސީއިން ދަނީ ވަމުންނެވެ.

ސޯޝަލް ހައުސިންގް ޔުނިޓުތަކެއްގެ ގޮތުގައި ތަރައްޤީކުރާ ހިޔާ ހައުސިންގް ޔުނިޓްތައް ރާއްޖޭގެ މީޑިއާތަކަށް ދައްކާލުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭ 2ވަނަ ފިޔަވަހި އާބާދުކުރުމާ ގާތްވެފައިވާއިރު މިފިޔަވަހީގައި ތަރައްޤީކުރަންޖެހޭ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ ގިނަ މަޝްރޫތަކުގެ ޕްލޭންތައް އެބައޮތްކަމަށެވެ.

އަސާސީ ޚިދުމަތްތަކުގެ ދަށުން ތަޢުލީމު ފޯރުކޮށްދިނުމައްޓަކައި 4 ވަރަކަށް ސްކޫލް 2ވަނަ ފިޔަވަހީގައި ތަރައްޤީކުރަން ނިންމާފައިވެއެވެ. އަދި 2 ސްކޫލެއްގެ މަސައްކަތް ފައިނަލްކުރެވިފައިވެއެވެ. އެގޮތުން 1 ސްކޫލް ޑިޒައިންކޮށް ޓެންޑަރިންނަށް ލާފައިވާއިރު، ދެން އަޅާ ސްކޫލަކީ ބޭރު ފަރާތަކުން ތަރައްޤީކުރާ އިންޓަނޭޝަނަލް ސްކޫލެއްކަމަށް ސުޙައިލް ވިދާޅުވިއެވެ. މީގެ އިތުރުން މި ފިޔަވަހީގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ 2ވަނަ ފިޔަވަހީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިއުލާންކުރައްވަން ނިންމަވާފައިވާކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓުއަރިޒަމް އައިލެންޑާއި، ފަރުކޮޅުފުށީގައި ޓުއަރިޒަމް ޓްރެއިނިންގ ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާނެކަން ސުހައިލް ހާމަކުރެއްވިއެވެ.

"ސްކޫލްތަކުގެ މަސައްކަތް ކުރިން ދެންނެވިގޮތައް ކުރިއަށްދާއިރު، މިތަންތަން އާބާދުވާއިރު ނުނިމިދާނެ. އެކަމަކު ގިނަ ފަރާތްތަކުން ބޭނުންވާނީ އެންމެ ފުަރަތމަ ބަދަލުވެފައިވެސް ކިޔަވާ ސްކޫލްތަކުގައި އިހަށް ކިޔަވަން. އެހެންކަމުން ނޯމަލައިޒްވާން މުއްދަތެއް ނަގޭނެ. ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ޑިވެލޮޕްމަންޓް ޕްލޭންތައް އިއުލާންކުރާނަން"

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމުގެ ގޮތުން ބިން ހިއްކައިގެން ތަރައްޤީކުރާ ސަރަހައްދެކެވެ. މިމަޤްޞަދުގެ ދަށުން މިފިޔަވަހީގައި އެންމެ ފުރަތަމަ މަސައްކަތް ފަށައި ނިމުމަކާ ގާތްވެފައިވަނީ ސޯޝަލް ހައުސިންގް ކޮންސެޕްޓްގެ ދަށުން ތަރައްޤީކުރާ 7000 ހައުސިންގް ޔުނިޓުގެ އެޕާޓުމަންޓުތަކެވެ. މި މަސައްކަތް ނިންމައި މީހުން އާބާދުވާނެ ދުވަހެއް އަދި ޔަޤީންވެފައި ނުވާއިރު، މިޔުނިޓްތަކުގައި ކޮމާޝަލް ބޭނުންތަކާއި ޒަރޫރީ ބޭންތަކަށް ބޭނުންވާ ތަންތަން ހާއްސަކޮށް ހައުސިންގް ޔުނިޓްތަކުގެ އަދަދު މިހާރު ވަނީ މަދުކޮށްފައެވެ. މި ފަދަ ބޭނުންތަކަށް 280 ހައުސިން ޔުނިޓް ހާއްސަކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 6720 އެޕާޓްމަންޓެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި އާބާދުކުރުމާ ގާތްވެފައިވާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާދޭ ކަނެކްޓިވިޓީ ބްރިޖްތަކުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.