ޚަބަރު

ހުށަހެޅިފައިވާ ގޮތަށް ތާއީދުކޮށް، އަސްލަމަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި


މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ފޮނުވިގޮތަށް ފާސްކޮށް، އަސްލަމަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރު މުޙައްމަދު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ކޮމިޓީން މިމައްސަލަގައި ނިންމާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

އަދި ކޮމިޓީއަށް ދިރާސާކުރަން ފޮނުވުނު މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ގޮތަށް ފާސްކޮށްފައިވަނީ ހަމައެދުވަހުގެ ބައްދަލުވުމުގައެވެ. ކޮމިޓީން މިމަސައްކަތްތައް ނިންމުމާއިއެކު މިހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަސްލަމަށް ރުހުން ދިނުމާއި، މިނިސްޓްރީ އާއި ގުޅޭގޮތުން ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހާނެއެވެ.

ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފެއްދެވި މިނިސްޓްރީއަށް މިނިސްޓަރު މުޙައްމަދު އަސްލަމް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވާފައި ވަނީ އެމިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އާމިނަތު އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކަމަނާ މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެވަޑައިގަތުމާއި ގުޅިގެންކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.