ވިޔަފާރި

މަސް މާރުކޭޓުގައި އިޖްތިމާއީ ގައިދުރުކަމާއެކު ޙިދުމަތްދޭން ތައްޔާރުވެއްޖެ


އިޖްތިމާއީ ގައިދުރުކަމާއިއެކު މަސްމާރުކޭޓް އަލުން ހުޅުވައި ޙިދުމަތްދޭން ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސް މާރުކޭޓް އާއްމުކޮށް ޚިދުމަތަށް ހުޅުވާލުމަށްޓަކައި ސިޓީ ކައުންސިލުން މިހާރު ވަނީ އިޖްތިމާއީ ގައިދުރުކަމުގެ ނިޝާންތައްވެސް ކުރަހާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މަސް މާރުކޭޓް އަލުން ހުޅުވިނަމަވެސް މާރުކޭޓަށް އަންނައިރު މާސްކު އަޅަންޖެހޭނެކަމަށެވެ. އަދި މާރުކޭޓްގައި ކުރަހާފައިވާ އިޖްތިމާއީ ގައިދުރުކުރުމުގެ ނިޝާންތަކަށް އެންމެންވެސް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މާރުކޭޓް ސަރަޙައްދަކީ މުޅި މާލޭ ސަރަޙައްދުގައިވެސް އެންމެ ކާރޫބާރު ބޮޑު ސަރަޙައްދެވެ. ފުރަބަންދުގައި މަސްމާރުކޭޓް ބަންދުކުރިނަމަވެސް ފުރަބަންދުގެ ލުއިތަކާއިއެކު މާސްމާރުކޭޓުގެ އެތެރެއަށް ނުވަދެވުނަސް ބޭރުގައިތިބެ އޯޑަރުދީގެން މަސް ވިއްކައި ގަނެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހު މަސް މާރުކޭޓްގެ އެތެރެއަށް މަދެގެން ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލިނަމަވެސް އެއްފަހަރާ މާރުކޭޓްގެ އެތެރެއަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ކޮންމެ މީހަކުވެސް މާރުކޭޓަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެއެވެ. މާރުކޭޓްތެރޭގައި މަސް ވިއްކުމުގެ ޚިދުމަތް ދެވޭނީވެސް ދޯނިތަކުން ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.

މަސްމާރުކޭޓުގެ އިތުރުން މާލޭ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓްވެސް ސަލާމަތީ ފިޔަވަޅުތަކާއިއެކު އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.