ޚަބަރު

ލިވަޕޫލުގައި އުމުރު ދުވަހު ނުހުންނާނެ - ކްލޮޕް


ލިވަޕޫލުގައި އުމުރު ދުވަހު ނުހުންނާނެ ކަމަށާއި ކޮންމެވެސް ދުވަހަކު އެކުލަބު ދޫކޮށްލަން ޖެހޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފއެވެ.

އޭނާ މިހެން ބުނީ 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ކާމިޔާބު ކުރުމުން ލިވަޕޫލުގައި ދާއިމީކޮށް ހުރެދިނުމަށް ސަޕޯޓަރުން ގޮވާލުމުން. ޖަރުމަނުގެ ކޯޗު ބުނީ ލިވަޕޫލުގައި އުމުރު ދުވަހު ނުހުރެވޭނީ ކޮންމެވެސް ދުވަހަކުން ސަޕޯޓަރުން އޭނާ ބޭނުންނުވާނެކަން އެނގޭތީ ކަމަށެވެ. ނަމަވެސް އަދި އޭނާ ހުންނާނީ ލިވަޕޫލްގައި ކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވުމަށްފަހު ކްލޮޕް ވަނީ މިދިޔަ ދޮޅު އަހަރު ތެރޭގައި އެކުލަބަށް ކުލަބު ވޯލްޑް ކަޕާއި ޔޫރަޕިއަން ސުޕަ ކަޕާއި ޗެމްޕިއަންސް ލީގާއި ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. އަދި ކްލޮޕް ލިވަޕޫލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް 2024ގައި ހަމަވާނެއެވެ.

ކްލޮޕް ލިވަޕޫލަށް ހޯދައިދެމުން އަންނަ ކާމިޔާބީތަކާހުރެ އޭނާ ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ޝައުގުވެރިވެއެވެ. ނަމަވެސް ލިވަޕޫލް ހިންގަމުން އަންނަ ފެންވޭ ސްޕޯޓްސް ގްރޫޕާއި އޭނާއާދެމެދުގައި އޮތް ރަހުމަތްތެރި ގުޅުމުގެ ސަބަބުން އެހެން ކުލަބަކުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ތިރީސް އަހަރަށްފަހު އިންގްލިޝް ޕްރެމިއާ ލީގު ކާމިޔާބު ކުރުމުން އޭނާ ބުނީ ތަށި ހާއްސަ ކުރަނީ ތިން ފަރާތަކަށް ކަމަށެވެ. އެއީ ލިވަޕޫލްގެ ދެ ލެޖެންޑުން ކަމަށްވާ ކެނީ ޑަގްލިޝް އާއި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑާއި ސަޕޯޓަރުންނަށް ކަމަށެވެ.