މުނިފޫހިފިލުވުން

ކަސޯޓީގައި ބަޖާޖުގެ ރޯލުން ދެން ފެންނާނީ ކަރަން ޕަޓޭލް


މަޝްހޫރު ޑައިރެކްޓަރ އެކްތާ ކަޕޫރުގެ ޓީވީ ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ"ގެ މުހިއްމު ކެރެކްޓާއެއްކަމަށްވާ މިސްޓަރ ބަޖާޖުގެ ރޯލުން ކަރަން ސިންގ ގްރޯވަރުގެ ބަދަލުގައި ދެން ފެނިގެންދާނީ ކަރަން ޕަޓޭލްކަން ހާމަކޮށްފިއެވެ.

ކަރަން ޕަޓޭލްއަށް ބަޖާޖުގެ ރޯލު ހުށަހަޅާފައިވަނީ ކޯވިޑް-19ގެ ސަބަބުން ކަސޯޓީގެ މަސައްކަތްތައްވެސް މަޑުޖެހިފައި އޮތުމަށްފަހު، ސީރީޒްގެ ޝޫޓިންގ އަލުން ފަށަން ތައްޔާރުވެފައިވަނިކޮށް ބަޖާޖުގެ ރޯލު ކަރަން ސިންގ ގްރޯވަރު ދޫކޮށްލުމުންނެވެ. ސްޓަރޕްލަސް އިން ދެއްކި ކާމިޔާބު ޓީވީ ސީރީޒް "ޔޭ ހޭ މުހައްބަތޭ"ގައި ރާމަން ބައްލާގެ ރޯލުން ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދި ކަރަން ޕަޓޭލަށް ބަޖާޖުގެ ރޯލު ހުށަހަޅާފައިވާކަން އޭނާގެ މެނޭޖަރުވަނީ ޔަޤީންކޮށްދީފައެވެ. އަދި މި ފެށޭ ހަފްތާގައި ޝޫޓިން ފެށުމަށްޓަކާ ކަސޯޓީގެ ކްރޫއާއި އޭނާ ގުޅޭނެކަމަަށްވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މީގެ ކުރިންވެސް ކަރަން ސިންގ ގްރޯވަރު ވަނީ ބަޖާޖުގެ ރޯލުން ބްރޭކެއް ނަގާފައެވެ. އެފަހަރުވެސް އޭނާގެ ވިސްނުމަކަށްވީ ސީރީޒް ދޫކޮށްލުމެވެ. ސަބަބެއްކަމަށް ކަރަން ބުނެފައިވަނީ ކަސޯޓީއަކީ އަނޫރާގާއި ޕްރޭނާގެ ލޯބީގެ ވާހަކައެއްކަމުން، މުޅި ސިރީޒްގެ ފޯކަސް އެ ދެ ކެރެކްޓާއަށް އޮތުމަކީ އެއީ ބެލުންތެރިންވެސް ބޭނުންވާގޮތްކަމަށެވެ. އަދި އޭނާގެ ކެރެކްޓަރއަކީ އެހާ އިސްކަމެއްދެވޭ އަދި އެންމެ ބޭނުންވާގޮތަށް ކުރިއަށްދާ ކެރެކްޓަރއެއްކަމަށް ޤަބޫލު ނުކުރެވޭކަމަަށްވެސް އޭރު ކަރަން ބުނެފައިވެއެވެ. އޭނާ މި ސީރީޒުން ބްރޭކް ނަގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެކްތާ ވަނީ ކަރަންއަށް ކޮންވިންސްކޮށްދީގެން މިއަހަރުގެ ކުރީކޮޅު ބަޖާޖު އަލުން ކަސޯޓީއަށް އަނބުރާ ގެނެސްފައެވެ.

ނަމަވެސް ޝޫޓިންގެ ކަންކަން ކޯވިޑް-19ގެ ސަބަބުން މެދުކެނޑުމާއި ގުޅިގެން، ކަރަން ސިންގް ގްރޯވަރު ވަނީ އޭނާ ބަޖާޖުގެ ރޯލު އިތުރަށް ކުޅެން ބޭނުން ނުވާކަން ހާމަކޮށްފައެވެ.

ކަރަން ޕަޓޭލްވަނީ ކަސޯޓީގެ ފުރަތަމަ ސީޒަންގައި ބަޖާޖުގެ ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅުގެ ރޯލުކުޅެފައެވެ. އެހެންކަމުން ބަޖާޖުގެ ރޯލު އޭނާއަށް ލިބުމުން، ކަރަން ހުރީ އެކަމާމެދު ވަރަށް އުފަލުންނެވެ. އަދި ކަރަން ސިންގް ގްރޯވަރު ބަޖާޖުގެ ރޯލު ޕޯޓްރެއިޓްކޮށްދިން ގޮތަށްވުރެ ކަރަން ޕަޓޭލް އެ ރޯލު ގެނެސްދޭނެގޮތް ވަރަށްވެސް ތަފާތުވާނެކަމަަށް އޭނާ ބުނެފައިވެއެވެ.

ބަޖާޖުގެ ރޯލު ކަރަން ސިންގް ގްރޯވަރު ދޫކޮށްލާފައިވާއިރު، ދެވަނަ ސީޒަންގައި ކޮމަލިކާގެ ރޯލު ކުޅެމުންދިޔަ ހީނާ ޚާން ބޮލީވުޑަށް ތަޢާރަފުވާން ބޭނުންވާތީ އޭނާވެސް ވަނީ އެ ރޯލު ދޫކޮށްލާފައެވެ. ކޮމަލިކާގެ ރޯލަށް ފަހުން ގެނެސްފައިވަނީ 2003 ވަނަ އަހަރު ސްޓަރޕްލަސް އިން ދެއްކި "ކަހީ ތޯ ހޯގާ"ގައި ކަޝިޝްގެ ރޯލުން ބެލުންތެރިގެ ބޮޑު މަޤުބޫލުކަމެއް ހޯދި އަމްނާ ޝަރީފެވެ.