މުނިފޫހިފިލުވުން

ދޮގު ތުހުމަތެއް ކުރި ދެއަންހެނެއްގެ އަތުން 20މިލިއަން ޑޮލަރު ހޯދަން ޖަސްޓިން ބީބާރ ކޯޓަށް

ޖިންސީ ގޯނާ ކުރިކަމަށްބުނެ ދޮގު ތުޙުމަތުތަކެއް ކުރި 2 މީހަކާދެކޮޅަށް ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރ ދަޢުވާކޮށްފިއެވެ.

ޖަސްޓިން ބީބާރ ޖިންސީ ގޯނާކުރިކަމަށްބުނެ، 2 އަންހެނުންވަނީ އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ބޮަޑެތި ތުހުމަތުތަކެއްކޮށްފައެވެ. މި ވާހަކަތަށް ފެންމަތިވީ މިމަހުގެ 20 ވަނަ ދުވަހު ޓުވިޓަރގައެވެ. މިކަމާގުޅިގެން ޖަސްޓިންވަނީ ހޮޓެލް ރިސިޕްޓްތަކަކާއި، އީމެއިލްތަކެއްގެ ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އޭނާއާއި ގުޅޭގޮތުން ފަތުރަމުންދަނީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއްކަމަށްބުނެ، އަމިއްލަ ދިފާޢުގައި ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އެމެރިކާގެ އޮންލައިން މެގަޒިނެއްކަމަށްވާ ޕިޗްފޯކުން ރިޕޯޓުކޮށްފައިވާގޮތުގައި ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ވަނީ މި ދޮގު ތުހުމަތުތަކުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20 މިލިއަން ޑޮލަރު ހޯދުމަށް 2 އަންހެނަކާދެކޮޅަށް ދަޢުވާކޮށްފައެވެ. އަދި އެއީ ބަޔަކު މީހުން ގަސްތުގައި ރާވައިގެން އޭނާގެ އަބުރު ގަތިލާ، އާއްމުންގެ ސަމާލުކަން ހޯދުމަށްކޮށްފައިވާ ކަމެއްކަމަށާއި، އޭނާއާއި ދެކޮޅަށް ކޮށްފައިވާ ތުޙުމަތުތަކަކީ އަމިއްލައަށް ހަދަހަދައިގެން ފަތުރަމުންދާ ވާހަކަތަކެއްކަމަށާއި، އެއީ ބިރުދެއްކުމުގެ ގޮތުން ކުރަމުންދާ ކަމެއްކަމަަށްވެސް ދަޢުވާގައި ބުނެފައިވެއެވެ.

މިމަހުގެ 20 ވަނަ ދުވަހު ޑެނީލް ކިޔާ މީހަކު ވަނީ 2014 ވަނަ އަހަރު ޖަސްޓިން ބީބާރ އޭނާއަށް ޖިންސީ ގޯނާކުރިކަމަށްބުނެފައެވެ. އޭރު އޭނާގެ އުމުރަކީ 21 އަހަރުކަމަށާއި ޖަސްޓިންގެ އުމުރަކީ 20 އަހަރުކަމަށް ބުނެފައިވެއެވެ. ޑެނީލްގެ ޕޯސްޓުގައި 2014 ވަނަ އަހަރު އޭނާއާއި އިތުރު ރައްޓެހިންތަކެއް ޓެކްސަސްގައި ހުއްޓާ ޖަސްޓިން އޭނާގެ ހޮޓަލަށް ދަޢުވަތުދީގެން ގެންގޮސް ޖިންސީގޯނާކޮށްފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. މި ޕޯސްޓުގައި އޭނާގެ ރައްޓެހިންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ޑެނީލް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ޕޯސްޓްކުރިތާ ދުވަސްކޮޅެއްފަހުން އެ ޕޯސްޓާއި، ޓުވިޓަރ އެކައުންޓްވެސް ވަނީ ޑިލީޓްކޮށްލާފައެވެ.

މިކަމާގުޅިގެން ޖަސްޓިން ބުނެފައިވަނީ ބަޔަކު ދޮގު ތުޙުމަތުތަކެއް އޭނާއާއި ގުޅޭގޮތުން ކުރުމަކީ އައު ކަމެއްނޫންކަމަށާއި، އޭނާގެ ކެރިއަރުގައި އެފަދަ އެތައް ކަމަކާއި ކުރިމަތިލާފައިވާކަމަށެވެ. އަދި އެކަންކަން އެހާ ސީރިއަސްކޮށް އޭނާ ނުނަގާކަމަށް ބުންޏެވެ. ނަމަވެސް މި މައްސަލައިގައި އަމިއްލަ ދިފާޢުގައި ނުކުންނަން ނިންމީ އޭނާގެ އަންހެނުން ހެއިލީ ބަލްޑިވް އާއި ލީގަލް ޓީމާއި ވާހަކަދެއްކުމަަށްފަހުކަމަށްވެސް ޖަސްޓިން ބުނެފައިވެއެވެ.