ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާއި ގުޅޭ ފޮތެއް ނެރެފި


ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ، އަދި އެހުރަސްތައް ނައްތާލުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ހިމަނައިގެން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީން "މޯލްޑިވްސް ކަންޓްރީ ޑައިގްނޯސްޓިކް ސްޓަޑީ"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްޣަފޫރެވެ."ދިވެހިރާއްޖެ - ތަރައްޤީ ވަމުންއަންނަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުން" މި މައުޟޫޢުގެ މައްޗަށް އެކުލަވާލާފައިވާ މޯލްޑިވްސް ކަންޓްރީ ޑައިގްނޯސްޓިކް ސްޓަޑީ ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭޑީބީގެ ޗީފް އިކޮނޮމިކްސްޓް އަދި ޑިރެކްޓަރ ޖެނެރަލް ޝަންގް ޖިން ވެއި ވިދާޅުވީ ދިވެހިރާއްޖޭން އިޤްތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ތަރައްޤީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާ ބާރުމިނަކީ ދެމެހެއްޓެނިވި ތަރައްޤީއާ ހަމައަށް ވާސިލްވުމަށް ވަރަށް އެކަށީގެންވާ ބާރުމިނެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ޤާއިމު ކުރުމަށް ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް އޭޑީބީން ނެރުނު މި ފޮތުގެ ސަބަބުން ފަސޭހަވެގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ.އިޤްތިޞާދީ ދުވެލި އިތުރަށް ހަރުދަނާކޮށް އާންމުންގެ މެދުގައި އިގްތިޞާދީ އަދި އިޖްތިމާޢީ ހަމަހަމަކަން ޤާއިމު ކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދޭން ޖެހޭކަމަށްވެސް އޭޑީބީގެ ޗީފް އިކޮނޮމިކްސްޓް އަދި ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖެއިން އިޤްތިޞާދީ ތަރައްޤީގެ އުސްމިންތަކަށް ވާސިލުވުމަށް މެދުކެނޑުމެއްނެތި ބޮޑެތި ބިޔަ މަސައްކަތް ތަކެއް ކުރަމުންދާނެކަމަށެވެ. އަދި އޭ.ޑީ.ބީން ކުރި ދިރާސާއަށްފަހު ނެރުނު މިފޮތުގެ ސަބަބުން މިކަން ހާސިލްކުރުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް 2016 ވަނައަހަރުގެ ބަޖެޓް އެކުލަވާލުމަށްވެސް މި ފޮތުގެ ބޭނުން ކުރައްވާނެކަމަށް ފިނޭންސް މިނިސްޓަރ އަބްދުއްﷲ ޖިހާދު ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ނައިބުރައީސް އަހުމަދު އަދީބުގެ އިތުރުން، ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި، ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރާއި ގަވަރުނަރ އަޒީމާއާދަމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.