އައިޖީއެމްއެޗުގައި ހަދާ ކޯވިޑް-19ގެ ޓެސްޓުތަކުގެ ފެންވަރު ބަލައި ސަތޭކަ އިންސައްތަ މާކްސްދީ އައިޖީއެމްއެޗުގައި ހަދާ ޓެސްޓުތަކުގެ ކޮލިޓީ އެޖަމިއްޔާއިން ކަށަވަރުކޮށްފިއެވެ.
މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގައި އެކި ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތް ޑަބްލިއުއެޗްއޯއިން ގެންދަނީ މޮނީޓަރކުރައްވަމުންނެވެ. އެގޮތުން ޓެސްޓުކުރަމުން އަންނަ ގޮތާއި ޓެސްޓުކުރާ ލެބޯޓަރީތަކުގެ ކޮލިޓީ ކަށަވަރުކުރުމަށް އެޖަމިއްޔާއިން އަންނަނީ އެސެސްމެންޓްތައް ހަދަމުންނެވެ. މިކަން ކުރުމަށް އެޖަމިއްޔާއިން ބައެއް ސާމްޕަލްތައް އެކި ޤައުމުތަކުގައި ކޯވިޑަށް ޓެސްޓުކުރަމުން އަންނަ ލެބޯޓަރީތަކަށް އަންނަނީ ފޮނުވަމުންނެވެ. އަދި ޓެސްޓުގެ ނަތީޖާ އެޖަމިއްޔާއަށް ކުރިންވެސް އެނގޭއިރު ލެބޯޓަރީތަކުން ހަދާ ޓެސްޓުތަކުގެ ނަތީޖާ 100 އިންސައްތަ ޑަބްލިއުއެޗްއޯގެ ނަތީޖާއާއި ދިމާވާނަމަ ޑަބްލިއުއެޗްއޯގެ މިންގަނޑަށް އެލެބޯޓަރީއެއް ފެތޭކަމަށް އަންނަނީ ކަނޑައަޅަމުންނެވެ. މިގޮތަށް އައިޖީއެމްއެޗުގައި ކުރިއަށްގެންދިޔަ ޓެސްޓް ނަތީޖާތައް ލިބި ކޮލިޓީމިންގަނޑުން 100 އިންސައްތަ މާކްސްދީ ޑަބްލިއުއެޗްއޯގެ ސްޓޭންޑަޑަށް އައިޖީއެމްޗްގެ ޓެސްޓްތައް ފެތޭކަމަށްވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ޓެސްޓުކުރުމަށް ބޭނުންކުރަމުން އަންނަނީ ޑަބްލިއުއެޗްއޯ ބަލައިގަންނަ ކޮލިޓީ ސްޓޭންޑަޑްގެ ޕީސީއާރް މެޝިނާއި ކިޓުތަކެވެ. ރާއްޖޭގައި ކޯވިޑް19ގެ ކޭސްތައް ފެނުމުގެ ކުރިންވެސް ޑަބްލިއުއެޗްއޯ އާއި ގުޅިގެން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އައީ މަސައްކަތްކުރަމުންނެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެންނަން ފެށިހިސާބުން ވަގުތުން ކޯވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރާއްޖެއަށް ހިލޭ ޓެސްޓް ކިޓުތައް ފޯރުކޮށްދެއްވާ އައިޖީއެމްއެޗުގައި ދާއިމީގޮތެއްގައި ކޯވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މިހާރުވެސް އެޖަމިއްޔާއާއި ގުޅިގެން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިވަގުތުވެސް ރާއްޖޭގައި ކޯވިޑަށް އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ޓެސްޓުކުރަމުންނެވެ.