މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ-2"ގެ ޝޫޓިންގ އޯގަސްޓްމަހު އަލުން ފަށަނީ


ބޮލީވުޑްގެ ކުރިއަރަމުން އަންނަ 2 ތަރިންކަމަށްވާ ކާރްތިކް އާރިޔާން އާއި ކިއާރާ އަދުވާނީ ލީޑް ރޯލުން ފެނިގެންދާ "ބޫލް ބުލައްޔާ-2"ގެ ޝޫޓިންގ އޯގަސްޓްމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ބޫލް ބުލައްޔާ-2" އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ހޮރޯރ ފިލްމް "ބޫލް ބުލައްޔާ"ގެ ސްޓޭންޑްއެލޯން ސީކުއަލެކެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ފިލްމުގެ ޕްލޮޓާގުޅޭގޮތުން މާގިނަ މަޢުލޫމާތުތަކެއް މިހާތަނަށް ލިބިފައިނުވިނަމަވެސް، ބެލެވޭގޮތުގައި މި ފިލްމަކީވެސް ކުރީގެ ފިލްމެކޭ އެއްފަދައިން ހެއްވާ މަޖާ ކަންތައްތަކަކާއި، ބިރުވެރި ކަންތައްތަކެއްވެެސް ހިމެނިގެންދާނެ ފިލްމެކެވެ.

އިންޑިއާގެ ލަކްނޫ ސިޓީގައި މި ފިލްމުގެ ޝޫޓިންގ ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ޕްރޮޑަކްޝަން ޓީމޫން ލަކްނޫ ސިޓީގައި ވަނީ ބޮޑު ސެޓެއްވެސް ތައްޔާރުކޮށްފައެވެ. ނަަމަވެސް ކޯވިޑް-19ގެ ސަބަބުން އިންޑިއާގައި ފުރަބަންދު އިޢުލާންކުރުމާގުޅިގެން ޝޫޓިންގެ މަސައްކަތްތައް މެދުކަނޑާލުމަށްފަހު ފިލްމުގެ ކާސްޓުންނާއި ކްރޫއިން ވަނީ އެމީހުންގެ އަމިއްލަ ގެއަށް ފޮނުވާލާފައެވެ.

ގާތްގަނޑަކަށް 4 މަހުގެ މެދުކެނޑުމަކަށްފަހު ފިލްމުގެ ޝޫޓިންގ އަލުން ފެށުމަށް ޕްރޮޑަކްޝަން ޓީމުން މިހާރު ތައްޔާރުވަމުންދާއިރު، ފިލްމުގެ ޑައިރެކްޓަރ އަނީސް ބަޒްމީ ބުނެފައިވަނީ ޝޫޓިންގެ ކަންކަން ކުރާނީ ފިލްމުގެ ކާސްޓުންނާއި ކްރޫއިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަމަށެވެ. އަދި ފިލްމުގެ ސެޓަށް ބޮޑު ހަރަދެއްވެސް ކޮށްފައިވާކަން ފާހަގަކޮށް، ކުރިން ނަގާފައިވާ މަންޒަރުތަކާއި ކޮންޓިނިއުނިޓީ ދިމާކުރެވޭނީވެސް ހަމަ އެ ސެޓުގައި މަންޒަރުތައް ނަގައިގެންކަމަށްވާތީ، ސެޓު އެހެންތާކަށް ބަދަލުކުރުމުގެ ވިސްނުމެއްނެތްކަމަށް އޭނާ ބުނެފައިވެއެވެ. ޕްރޮޑަކްޝަން ޓީމުން މިހާރު އިންތިޒާރުކުރަމުންދަނީ އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ޝޫޓިންގ ފެށުމަށް ހުއްދަދޭނެ ދުވަހަކަށެވެ. އަދި އެ ހުއްދަ ލިބުނުހާ އަވަހަކަށް އޯގަސްޓްމަހުގެ ތެރޭގައި ފިލްމް ޝޫޓްކުރުމުގެ މަސައްކަތައް ފެށިގެންދާނެކަމަަށް އަނީސް ބުނެފައިވެއެވެ.

މި ފިލްމުގެ ލީޑް ރޯލުން ކާރްތިކް އާއި ކިއާރާ ފެނިގެންދާއިރު، ފިލްމުގެ މުހިއްމު ރޯލަކުން މަޝްހޫރު ބަތަލާ ތާބޫވެސް ފެނިގެންދާނެއެވެ. އަދި ދެވަނަ ބައިން އަކްޝޭގެ ހާއްސަ ފެނިލުމެއް ފެނުން އެކަށީގެންވާކަމަށްވެސް މީގެ ކުރިން އަޑުފެތުރިފައިވެއެވެ. މި ފިލްމުގެ ނުނެގި ހުރި މަންޒަރުތައް ނެގުމަށް ގާތްގަނޑަކަށް 35 ދުވަސް ހޭދަވާނެކަމަށް ބެލެވެއެވެ. މި އަހަރުގެ ޖުލައިމަހު ކުރިން ރިލީޒްކުރާގޮތަށް ހަމަޖެހުނު މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް މެދުކެނޑިފައިވާތީ، މި ފިލްމް އެންމެ އަވަހަށްވެސް ސިނަމާތަކަށް އަންނާނެކަމަށް ލަފާކުރެވެނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.