މުނިފޫހިފިލުވުން

ނިއުމާގެ މެސެޖް - "ހިތްވަރު އެލުވާ ނުލާ ނަފްސުދެކެ ލޯބިވޭ"


ބަރަސް ބަލި ނުވަތަ ވިޓިލިގޯއަކީ ހަމުގައި ހުދުކުލަ ޖެހުމަށްފަހު، ފިތްގަނޑެއްހެންބޯވެ، ކަހައި، ފެންފައިބާ ބައްޔެކެވެ. މިބަލީގައި ގައިގެ ތަންތަން ހުދުވާނެއެވެ. މިބައްޔަށް "ހުދު ބަލި" މިހެން ވެސް ކިޔައެވެ.

ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. މި ބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. އަދި މި ހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ.

ހުދުބަލި ކުރިމަތިވަނީ ދިފާޢީ ނިޒާމުގެ ސެލްތަކުން މެލާނޯސައިޓް އުފައްދާ ސެލްތައް ހަލާކުކޮށްލުމުންނެވެ. ފަހުގެ ހޯދުންތައް ދައްކާގޮތުން މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައް އެމީހާގެ އަމިއްލަ ހަށިގަނޑަށް ހަމަލާދިނުމުން ދިމާވާ ގޮތެކެވެ. ނަމަވެސް މިކަން މެދުވެރިވާންދިމާވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ކޮންމެ އުމުރެއްގައިވެސް ހުދުބަލީގެ އުނދަގޫތައް ކުރިމަތިވެދާނެއެވެ. ބައެއް އާއިލާތަކުގެ ތެރޭގައި ހުދުބަލި ކުރިމަތިވުން އާންމުކަމަކަށް ނުވަތަ ވާރުތަކުރާކަމަށް ފާހަގަ ކުރެވެއެވެ.

2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ވިޓިލިގޯ ދުވަހުގެ ގޮތުގައެވެ. މި ދުވަހާގުޅިގެން ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް އެއް ތަރިކަމަށްވާ ނިއުމާ މުޙައްމަދު މިވަނީ އޭނާގެ އިޙްސާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާފައެވެ.

1990 ގެ އަހަރު ތަކުން ފެށިގެން ދިވެހި ސިނަމާތަކުގައި ރަނިކަން ކުރަމުންދާ ނިއުމާ ފިލްމް ކުޅުން ހުއްޓާލިނަމަވެސް، ގިނަ ބަޔަކު ޤަބޫލުލުކުރާގޮތުގައި ނިއުމާއަކީ އަދިވެސް ހަމަ "ނަންބަރ 1" އެވެ. ނިއުމާގެ 25 އަހަރަށްވުރެ ދިގު ކާމިޔާބު ފިލްމީ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވިޓިލިގޯ ނުވަތަ ހުދު ބައްޔެވެ. އެކަމާގުޅޭގޮތުން ނިއުމާ މިޣެ ކުރިން އެހާ އޯޕަންކޮށް ވާހަކަދައްކާފައެއްނުވެއެވެ. ނަމަވެސް މިއަދު އޭނާ ވަނީ އޭނާގެ އިޙްސާސްތައް ކުރު، އެހެންނަމަވެސް މާނަ ފުން މެސެޖަކުން ހާމަކޮށްފައެވެ.

ނިއުމާ ބުނިގޮތުގައި ހުދުބަލީގެ ނިޝާންތައް އެންމެ ފުރަތަމަ އޭނާގެ ހަށިގަނޑު ފެންނަން ފެށުމުންވެސް ބިރުގަތެވެ. އަދި އެކަމުގެ ސަބަބުން އޭނާ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ގެއްލިދާނެކަމުގެ މާޔޫސްކަން ހިތަށް ގެނުވިކަމަށް ނިއުމާ ބުނެފައިވެއެވެ.

"ހުދުބަލީގެ ނިޝާންތައް ހަށިގަނޑުން ފެންނަމުންދިޔަ ވަރަކަށް މީހުންގެ މަލާމާތާއި ފާޑުކިޔުން އަމާޒުވަމުންދިޔަ މިންވަރުވެސް ދިޔައީ އިތުރުވަމުން. ނަމަވެސް އެއިން އެއްވެސް ކަމަކާހުރެ ހިތްވަރު އެލުވައެއް ނުލަން. ދެކުނީ މިއީވެސް ޗެލެންޖެއްގެ ގޮތުގައި. ބެލީ އަމިއްލަ ނަފްސުދެކެ ލޯބިވެވޭތޯ. އެ ހިސާބުން އަމިއްލަ ނަފްސަށް އޮތް އިތުބާރުވެސް އައު ވި. މިގޮތުގައި ކުރިއަށްދާނެ ކެތްތެރިކަމާއި ހިތްވަރު މިންވަރުކޮށްދެއްވީތީ ﷲމާތް އަށް ޝުކުރުވެރިވަން" ނިއުމާ އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ވިޓިލިގޯ ދުވަހު، އެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ނިއުމާ ދޭން ބޭނުންވި މެސެޖަކީ ހިތްވަރު އެލުވާނުލުމަށެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުވާނުލުމަށެވެ. ތަފާތުވުމަކީ ރީތިނުވާންވީ ސަބަބެއް ނޫންކަމަށެވެ. ނިއުމާގެ ހިތްވަރަށާއި، ކެތްތެރިކަމަށް ތަޢުރީފުކޮށް ގިނަ ބަޔަކު އަންނަނީ ނިއުމާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ މި ޕޯސްޓަށް ކޮމެންޓްކޮށް، ޕޯސްޓް ޝެއަރ ކުރަމުންނެވެ.

ދުނިޔޭގެ އާބާދީގެ 1 ނުވަތަ 2 އިންސައްތަ މީހުންނަށް ހުދުބަލީގެ އުނދަގުލާއި ކުރިމަތިލާންޖެހެއެވެ. މި ބަލީގެ ޒާތުން އިންސާނާގެ ހަމުގެ ކުލަ ބަދަލުވެ، އޭނާގެ ސިފައަށްވެސް ބަދަލުތަކެއް އާދެއެވެ. މިކަމުގެ ސަބަބުން ބައެއް މުޖުތަމަޢުތަކުގައި އެފަދަ މީހުންނާމެދު ތަފާތުކުރުން ގެންގުޅެއެވެ. އަދި މަލާމާތްކުރުމާއި، ފުރަށްސާރަކުރުން ފަދަ ކަންކަމާވެސް ކުރިމަތިލާންޖެހެއެވެ. މީހުން ކިޔާފާނެ އެއްޗަކާމެދު ހިތަށް އަރާ ގޭގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވެގެން މުޅި ހަޔާތް ވޭތުކުރަން މަޖުބޫރުވާ ޙާލަތަށްގޮސް އެކަމުގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަށްވާ މީހުންވެސް މަދެއް ނޫނެވެ.

ދުނިޔޭގެ ވިޓިލިގޯ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެފަދަ މީހުންނާމެދު މުޖުތަމަޢުއިން ދެކޭގޮތް ބަދަލުކޮށް، އެމީހުންނަށްވެސް އާއްމު މީހުންނެކޭ އެއްފަދައިން ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. ހަމަގައިމުވެސް ނިއުމާގެ މި ޕޯސްޓާއެކު ރާއްޖޭގައި ތިބި މި ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށްވެސް ހިތްވަރާއި އުއްމީދު ގެނުވައިދޭނެކަން ޔަޤީނެވެ.

ނައުފަލް

ނިއުމާ އެބުނި ގޮތައް ހިތްވަރު އެލުވާ ނުލާތި އިންގޭ އެއްވެސްކުއްޖަކު