ޚަބަރު

ހަމަނުޖެހުން ބޮޑު ސަރަޙައްދުތަކުގައި އަންހެނުންނަށް ކޯވިޑް-19އަށް ތަހުލީލުކުރުމުގައި ދަތިތަކެއް


ކޯވިޑް-19 ޖެހިފައިވާ އަންހެނުންގެ ޢަދަދުތައް އެހެން ސަރަޙައްދުތަކަށްވުރެ އެފުރިކާއާއި މެދުއިރުމަތީގައި މަދުވުމުން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް ކޯވިޑް-19އަށް ތަހުލީލުކުރުމުގައި ދަތިތަކެއް ހުރިކަމަށް ޤަބޫލުކުރެވޭކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތަކުން ބުނެފިއެވެ.

އިންޓާނޭޝަނަލް ރެސްކިއު ކޮމިޓީ އައިއާރުސީން ބުނެފައިވަނީ ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ ފިރިހެނުންގެ ނިސްބަތަކީ ބަލި ޖެހިފައިވާ މީހުންގެ 51 އިންސައްތައެވެ. އައިއާރުސީން ބުނީ ކޯވިޑް-19 ޖެހިފައިވާކަމަށް ޕާކިސްތާނާއި އަފްޣާނިސްތާނާއި ޔަމަނުގައި ފާހަގަވެފައިވާ މީހުންގެ 70 އިންސައްތައަކީ ފިރިހެނުންކަމަށެވެ. އަދި ސެންޓްރަލް އެފުރިކަން ރިޕަބުލިކާއި ޗާޑާއި ސޯމާލިއާގައި ބަލިޖެހިފައިވާ ފިރިހެނުންގެ ޢަދަދު އެހެން ޤައުމުތަކަށްވުރެ އިތުރުކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އައިއާރުސީގެ ފަންނީ މާހިރެއްކަމަށްވާ ސްޓޭސީ މާރންސް ވިދާލުވީ އެ ޢަދަދުތަކުން ހަމަނުޖެހުން ބޮޑު ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް ކޯވިޑް-19އަށް ތަހުލީލުކުރުމުގެ ފުރުޞަތު ނުލިބޭކަމަށް ބެލެވޭކަމަށާއި އެ މީހުންގެ ޞިއްޙަތަށް އޭގެ ސަބަބުން ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން ބަލި ޖެހޭ މީހުންގެ ޢަދަދުތައް ޙިއްޞާކުރުމުގައި މީހުންގެ ޖިންސާއި އުމުރާ އެނގޭނެ ގޮތަށް ފޮނުވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ބާރުއަޅާފައެވެ. އެގޮތަށް މަޢުލޫމާތު ޙިއްޞާކުރާނަމަ ބަލި ޖެހުމުގެ ފުރުޞަތު އެންމެ ބޮޑަށް އޮތް މީހުން ފާހަގަކުރަން ފަސޭހަވާނެކަމަށް އެ އެޖަމްޢިއްޔާއިން ބުނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން މިހާތަނަށް 9 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި ބައި މިލިޔަނަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޑަބްލިއުއެޗުއޯއާ ޙިއްޞާކޮށްފައިވާ ޢަދަދުތަކުގައި ޖިންސާއި އުމުރު އެނގޭ ގޮތަށް ފާހަގަކޮށްފައިވަނީ 50 އިންސައްތައަށްވުރެ މަދު ޤައުމުންކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އެހެންކަމުން، ހަމައެކަނި ޖިންސަށް ބަލައި ބަލި ޖެހޭ މިންވަރުގައި ތަފާތުތަކެއް ހުންނަކަމަށް ބެލުމުގައި ވަރަށް ސަމާލުވާންޖެހޭނެކަމަށް އެ ޖަމްޢިއްޔާއިންވަނީ ބުނެފައެވެ.

ވިލާތުގެ ޤައުމުތަކާއި ޗައިނާއާއި އެމެރިކާގައި ކުރި ބައެއް ދިރާސަތަކުން ދައްކާގޮތުގައި ކޯވިޑް-19ގެ ސަބަބުން ހަސްފަތާލުގައި ފަރުވާދޭން ޖެހި މަރުވުމުގެ ފުރުޞަތު ބޮޑަށް އޮތީ އަންހެނުންނަށްވުރެ ފިރިހެނުންނަށެވެ. ނަމަވެސް ޖިންސުގެ ސަބަބުން ބަލި ޖެހުމުގައި ތަފާތުތަކެއް އަންނަކަމަކަށް އެ ދިރާސާތަކުން ފާހަގަކޮށްފައެއް ނުވެއެވެ. ވިލާތުގެ ގިނަ ޤައުމުތަކުގައި ބަލިޖެހިފައިވާ ފިރިހެނުންގެ ޢަދަދާއި އަންހެނުންގެ ޢަދަދު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައެވެ.

ފަޤީރު ޤައުމުތަކުގައި ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު ދަށްކަމަށާއި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގާ ސަރަޙައްދުތަކުގައި ތަހުލީލުކުރެވޭ މިންވަރު ވަކިން ދަށްކަމަށް އައިއާރުސީން ފާހަގަކުރެއެވެ. ބަލި ޖެހިފައިވާ އަންހުންނާއި ފިރިހެނުންގެ ޢަދަދުތަކުގައި އެންމެ ބޮޑު ފަރަޤެއް ހުރީ އެ ސަރަޙައްދުތަކުގައިކަމަށް އައިއާރުސީން ބުނެއެވެ. ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް ބޭސް ފަރުވާ ހޯދުމުގައިވެސް ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށާއި ޖިންސީ ތަފާތުކުރުމާއި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ހަމަހަމަކަން ނެތުމަކީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށްވެސް އައިއާރުސީން ބުނެއެވެ.

ޞިއްހީ މާހިރުން ޤަބޫލުކުރާ ގޮތުގައި ކޯވިޑް-19ގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރުމުގެ ފުރުޞަތު އޮތީ އަންހެނުންނަށެވެ. އެއީ ޞިއްހީ ފަރުވާ ހޯދަން އުނދަގޫވުމާއި އުޖޫރައަކާ ނުލައި މަސައްކަތްކުރަން މަޖުބޫރުވުމާއި ވަޒީފާ ގެއްލުމުގެ ފުރުޞަތު އަންހެނުންނަށް ބޮޑުވުމުންކަމަށް މާހިރުން ބުނެއެވެ.