ވިޔަފާރި

ރައީސްގެ "ރަށްފެހި" ޕްރޮގްރާމުގެ ފޮނި މީރުކަން ފެންނަން ފަށައިފި


ރަށްފެހި ޕްރޮގްރާމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު މުޅި ރާއްޖެ ފެހިކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ސަރުކާރުގެ އެކި އޮފީސްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ދަނީ ބައިވެރިވި، ރާއްޖެ ފެހިކުރުމުގެ މަސައްްކަތް ކުރަމުންނެވެ.

މިގޮތުން ސްޓެލްކޯއިންވެސް ދަނީ މިޕްރޮގްރާމްގެ ދަށުން މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުވެސް "ސްޓެލްކޯ ރަށްފެހި"ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އަދި މި ޕްރޮގްރާމްގައި އިންދާފައިވާ ބައެއް ގަސްތަކުން ތިމާވެއްޓަށް ފައިދާ ލިބުމުގެ އިތުރުން، މިހާރު މޭވާވެސް ލިބެންފަށާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މިލޮކްޑައުންގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން ތިލަފުށީ އިންޖީނުގޭގައި އިންދާފައިވާ ބައެއް ގަސްތަކުން ވަނީ މޭވާ ލިބިފައެވެ. އޭގެ ތެރޭގައި ދޮންކެޔޮ، އަނބު، ޖަނބުރޯލު އަދި ކުންނާރުގެ ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ރަމަޟާން މަހާއި ލޮކްޑައުން ދިމާވުމުން މީގެ ތެއިން ބައެއް ބާވަތްތަށް ވަނީ ތިލަފުށީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށްވެސް ހަދިޔާވެސްކޮށްފައެވެ.

ތިލަފުށީގެ އިތުރުން މިއަހަރު ތެރޭ އއ. ފެރިދޫ އިންޖީނުގޭގައި މި ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތަކުންވެސް ވަނީ މޭވާ ލިބިފައެވެ. އޭގެ ތެރޭގައި ދަނޑި އަލުވި، ކުންނާރު، މިރުހުގެ އިތުރުން ކަރަޔާއި މުރަނގަތޮޅި ހިމެނެއެވެ. އދ. މަހިބަދޫއިން ވަނީ ކޮޕީ ފަތާއި، ޖަނބުރޯލު އަދި އަނބުގެ އިތުރުން، އިތުރު ބާވަތްތަކެއްވެސް ލިބިފައެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން އެކުންފުނިން ހިދުމަތްދޭ 35 ރަށުގައި މިދިޔަ އަހަރު 2000 ގަސް އަދި މިއަހަރު 3000 ގަސް ވަނިީ އިންދާފައެވެ.

ސްޓެލްކޯގެ އެމްޑީ ހަސަން މުޢުނީ ވިދާޅުވީ، އަމާޒަކީ "ރަށްފެހި" ޕްރޮގްރާމަކީ ސްޓްލެކޯގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދާނެ ޕްރޮގްރާމަކަށް ހެދުންކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ރައީސް ސޯލިހު ފައްޓަވާދެއްވި "ރަށްފެހި" ޕްރޮގްރާމަކީ ސްޓްލެކޯގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ޕްރޮގްރާމަކަށް ހެދުން. އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރުވެސް ލިބެމުން މިދާފަދައިން ތިމާވެއްޓަށާއި އަޅުގަނޑުމެންނަށް ފައިދާތަކެއް ލިބި، މި ޕްރޮގްރާމްގެ ފޯރި ކުރިޔަށް އޮތްތަނުގައި އިތުރުވުން" ހަސަން މުޢުނީ ވިދާޅުވިއެވެ.

"ރަށްފެހި ޕްރޮގްރާމް" އަކީ ތިމާވެއްޓާ ރަށްޓެހި އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށާއި، ތަރައްޤީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމާއި ރާއްޖޭގެ ރަށްތަށް ފެހިކުރުމުގައި ޢާއްމުންގެ ބައިވެރިވުން އިތުރު ކުރުވުމުގެ ގޮތުން ފެށި ސަރުކާރުން ފެއްޓެވި ޕްރޮގްރާމެކެވެ.