ޚަބަރު

ބޭރުން ކުލަ ފޮއްޓެއް، އެތެރެއިން އަލިފާން ފޮއްޓެއް


ހިޔާ ހައުސިންގް ޔުނިޓްތަަކަކީ ރާއްޖޭގެ އަދި ވަކިން ޚާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ހޯދައިދިނުމަށްކަމަށް ވިދާޅުވެ މިދިޔަ ސަރުކާރުން ފެށި އެންމެ ބިޔަ އުންމީދީ މަޝްރުޢެވެ.

2016ވަނަ އަހަރުގެ ޖުލައި މަހުގެ 20ވަނަ ދުވަހު ސޮއިކޮށް 2017ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މިމަޝްރޫގެ ފޮނި މީރުކަން ލިބިގަތުމަށް އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ. ހިޔާ މަޝްރޫގެ ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމި ފްލެޓްތަކުގެ ބޭރުގައި ކުލަ ލުމާއެކު މިދެންނެވި އުންމީދުތައް އަދި މާބޮޑުވިއެވެ.

އެހެންނަމަވެސް، ވެރިކަން ބަދަލުވެ ފްލެޓްތަކުގެ މަސައްކަތް ނިންމުމުގެ ތާރީޚާ ކައިރިވުމާއެކު، މިފްލެޓްތަކާ ގުޅޭގޮތުން ފެންމަތިވި ވާހަކަތަކަކީ އުންމީދުގައި ތިބި އެތައްބައެއްގެ އުންމީދުތައް ފުނޑުފުނޑުކޮށްލާފަދަ ވާހަކަތަކެކެވެ. އަމިއްލަ ޢާއިލާއާއެކު ހެޔޮ އަގެއްގައި ދިރިއުޅުމަށްޓަކައި ބޯހިޔާވަހިކަމެއް ހޯދުމަށް ބުރަ މަސައްކަތުން ފޯމުލައި ލިބޭނެކަމަށް އުންމީދުކުރި ފްލެޓްތަކުގެ ޙާލަތުގެ ހަޤީގަތް އޮތީ ހީކުރިގޮތަކަށް ނޫނެވެ. މިހާރުގެ ސަރުކާރުން ވިދާޅުވަނީ މިތަނަކީ ސޯޝަލް ހައުސިންގްގެ ނަމުގައި ކުރީގެ ސަރުކާރުން ރައްޔިތުން ޖެއްސި ދަންތުރައެއްކަމުގައެވެ.

މިވާހަކަތަކުގެ ހަޤީޤަތް ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. މި ދެންނެވި ހިޔާ ހައުސިންގް ޔުނިޓްތަކުގެ ބޭރާއި އެތެރޭގެ ހާލަތު ގާތުން ބަލާލުމަށް މީޑިއާއަށް ހުޅުވާލި ފުރުސަތުގައި ހިޔާ ހައުސިންގް ފްލެޓްގައި ހިމެނޭ 25 ފަންގި ފިލާގެ 16 ޓަވަރު ބަލާލުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަނުމުން ފެނިގެން ދިޔައީ ބަލާލަން ހިތްގައިމު ރީތި އެކި ކުލަތައް ލާފައިވާ އިމާރާތްތަކެކެވެ. މިޢިމާރާތްތައް ބޭރުން ބަލާލާއިރު ވަރަށްރީއްޗެވެ. މިކަމަށް ކޮށްފައިވާ ޚަރަދު މި ކުލަތަކުގެ ނަލަކަމުން ހާމަވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ފަދައިން މި އިމާރާތްތަކަކީ ބޭރުން ބަލާލައި ފޮޓޯނަގާލަން ހަޤީޤަތުގައިވެސް ވަރަށް ފުރިހަމަތަނެކެވެ.

އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިތަންތަނަކީ ރީއްޗަކަށް ބަލަހައްޓާފައިވާ މޮނިއުމަންޓުތަކެއް ނޫންކަމެވެ. މިއީ ރާއްޖޭގެ ބޯހިޔާވަިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގި އެންމެ ބޮޑު މަޝްރޫއެވެ. މިމައްސަލަ ހައްލުކުރަން އެޅި އިމާރާތްތަކެވެ. ބޭރުގެ ރީތިކަމާއި އެއްވަރަށް މިތަންތަނުގެ އެތެރޭގެ ހާލަތުވެސް ރަނގަޅުވާންޖެހެއެވެ.

އެހެންނަމަވެސް އެތެރޭގެ ޖާގަ އިންތިހާއަށް ކުޑައެވެ. މިތަން ބަލާލަން ދިޔަ މީޑިއާގެ ޓީމަށް އެއްފަހަރާ އެޕާޓްމަންޓަކަށް ވަދެވޭވަރު ނުވެގެން މީޑިއާ ޓީމު ޖެހުނީ މިތަން ބަލާލުމަށްޓަކައި ބައިބަޔަށް ބަހާށެވެ. މިހިސާބުންވެސް މިތަނުގެ ޖާގައިގެ ކުޑަކަން ކޮންމެވެސް ވަރަކަށް ވަޒަންކޮށްލެވޭނެއެވެ.

ކޮންމެ އިމާރާތަކަށް 3 ލިފްޓް ހުރި އިރު 14 މީހުންގެ ޖާގައިގެ މި ލިފްޓްތަކުގައި އަޅުގަނޑުމެން މި އިމާރާތުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް މިސްރާބު ޖެހީމެވެ. މި އެޕާޓްމެންޓްތަކުގެ ދޮރު ހުޅުވާލުމުން ފެނިގެން ދިޔައީ ފިނިޝިންގެ ގިނަ މަސައްކަތްތަކެއް ނުނިންމައި ހުރި ކުޑަކުޑަ ދެ ކޮޓީރީގެ އެޕާޓްމެންޓެކެވެ.

އެޗްޑީސީން ވިދާޅުވާގޮތުގައި މިހާރު މަސައްކަތް ނިންމާފައި ވަނީ ހިޔާ ފްލެޓްގެ ފުރަތަމަ ކޮންޓްރެކްޓްގައި ވާ މިންވަށެވެ. މި އެޕާޓްމެންޓްތަކުގައި ލިވިން އޭރިއާއާއި، ކާގެ އާއި ބަދިގޭގެ ގޮތުގައި ބޭނުންކުރަން އޮތީ 7 ފޫޓު ފުޅާ މިނުގެ ކުޑަ ތަންކޮޅެކެވެ. ބަދިގޭ ސިންކްގެ ބޮޑުމިން ފޫޓެއްހައި މިންވަރެވެ. މިއިންތަނަކު އަދި ބަދިގެ ކަބަޑުސެޓެއް ނުވަތަ އެފަދަ އެއްވެސް ވަސީލަތެއް ނެތެވެ. މިއެޕާޓްމަންޓްތަކުގައި އެއްޗެހި ދޮވެ ހިއްކުމަށް ކަނޑައަޅާފައިވަނީ 2 ފޫޓު ފުޅާމިނުގެ ކުޑަކުޑަ ބެލްކަންޏެކެވެ.

ކުރިން ދެންވި ފަދައިން މިތަނުގައި ނުނިމިހުރި ފިނިޝިންގެ މަސައްކަތްތަކުގެ ތެރެއިން، ދޮރުފަތެއް ބޮތްކެއް ފަންކާއެއް ނެތްކަން ފާހަގަކުރަމެވެ. ފާރުގައި ކުލަލުމުގެ ކުރިން ހާކާ "ޕްރައިމަރ" ހާކާފައިވާއިރު ފާޚާނާ ފިޔަވާ އެއްވެސް އިތުރު ތަނެއްގައި ތަށިމުށި ޖަހާފައިއެއް ނުވެއެވެ.

ކޮޓަރިތަކުގެ ޙާލަތު އަދި މާބޮޑެވެ. ހަމަ ޔަޤީނުންވެސް ކުއީން ސައިޒުގެ ބެޑްރޫމް ސެޓެއް މިތަނަކު ނުބެހެއްޓޭނެއެވެ. ފާޚާނާތަކުގެ ދޮރު ބަހައްޓާފައި ހުރި ގޮތުން މިތަންތަނުގައި ކަހާދޮރެއް ނޫނީ ފާޚާނާގައި ހަރުކުރެވޭނެ ހެނެއް ހިޔެއްނުވެއެވެ.

ކޮންމެ ފަންގިފިލާއެއްގައި 20 އެޕާޓްމަންޓް ހުންނަ މި ޓަވަރުތަކުގެ ފްލޯ ކޮމަން އޭރިއާއަކީ ކުޑަކުދިން އުޅެއުޅެން އެންމެ ރައްކާތެރިގޮތަކަށް ހުރި ތަނެއް ނޫނެވެ. މި ތަންތަނުގައި ހަރުކޮށްފައިވާ ރެއިލިންތަކުން ކުޑަކުދިންނަށް ފަސޭހައިން އަރާ ފޭބެނެގޮތައް ހުރުމަކީ އަޅުގަނޑު މިހެން ދަންނަވަންޖެހުނު އެއް ސަބަބެވެ. އަދި މި ސަރަޙައްދުގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައިވާ ކޮމާޝަލް ބައިތައް ފެންނަނީ ވަރަށް ދެރަ ޙާލަތެއްގައެވެ.

ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގެ ކަންކަން މިހެން ހުރިއިރު، އެޗްޑީސީއިން ވިދާޅުވީ ރައްޔިތުންނަށް މި ފްލެޓްރައް ހަވާލުކުރާނީ އެންމެ ފުރަތަމަ ވީ އެގްރިމެންޓާ އެއްގޮތައްކަމަށެވެ. މިކަމަކީ މިފްލެޓް ލިބޭ ފަރާތްތަކަށް ދިމާވާނެ އިތުރު ދައްޗަކަށް ވާނެއެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، އެ ކުންފުނިން މި ޓަވަރުތަކުގެ ފިނިޝިންއަށް 43 މިލިއަން ޑޮލަރު އިތުރަށް ހޭދަކުރަން ނިންމައި ލޯނު ހޯދަން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާކަމަށެވެ. ބޯހިޔާވަހިކަމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަމެއްކަމުން ފްލެޓްތައް ފުރަތަމަ އެގްރީމެންޓާ ހަމައަށް ތަރައްޤީކޮށް ހައްޤުވެރި ފަރާތްތަކާ ޙަވާލުކުރުމަށް ނިންމާފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް މިތަންތަން ހަވާލުކުރާއިރު ފިނިނިޝިންގެ މަސައްކަތް ފްލެޓް ލިބޭ ފަރާތްތަކުން އަމިއްލައިން ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގައި ފްލެޓްގެ ކުލި ދައްކަން ނުޖެހޭގޮތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސުޙައިލް ވިދާޅުވިއެވެ. އަދި މި ސަރަހައްދަކީ ރައްޔިތުންނަށް އުޅެން ފަސޭހަ ތަނަކަށް ހެދުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތަން ކޮމާޝަލީ ވައިބަލް ކުރާނަން. އެގޮތުން މިތަނުގައި ޓުއަރިޒަމް އައިލެންޑާއި، ފަރުކޮޅުފުށި އިތުރަށް ތަރައްޤީކުރުމާއި، އިތުރު ސްކޫލްތައް އަދި މިސްކިތްތައް ތަރައްޤީކުރުމަށް ވަނީ ޕްލޭންކޮށްފައި. އެގޮތުން އިންޓަނޭޝަންލ ސްކޫލެއް އަދި 2 މިސްކިތް ހުންނާނެ" ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ޙާލަތު މިގޮތުގައި ހުރި އިރު މިތަންތަނުގެ ކުއްޔާގުޅޭގޮތުންވެސް އަދި ވަކި ގޮތެއް ވަނީ ނު ނިންމިއެވެ. ކޮންމެ އެޕާޓްމެންޓަކަށް 62،000 ޑޮލަރު ހޭދަކޮށްފައިވާއިރު މުޅި މި މަޝްރޫޢަށް 434 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. އެހެންކަމުން މި ޚަރަދަށް ބަލާ 20 އަހަރަށް ބަހާލައިގެން 11،000 ރުފިޔާ ޖެހޭއިރު، ސަރުކާރުން މަސައްކަތް ކުރަނީ މި އަގު ވީހާވެސް ކުޑަކުރުމަށެވެ. އެޗްޑީސީއިން ވިދާޅުވީ، މި އެޕާޓްމެންޓްތަކުގެ ކުލީގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅި 6،000 ރުފިޔާއަކީ އެއްވެސް އެއްބަސްވުމަކުންވެސް ފެންނަން އޮތް އަދަދެއް ނޫންކަމަށެވެ.

މި ހުރިހާ ސަބަބަކައްޓަކައި އަޅުގަނޑުމެން އެންމެން ފޮނި އުންމީދުތަކެއް ކުރަމުންދާ ހިޔާ ހައުސިންގް ފްލެޓްތަކުގައި ވަޒަންވެރިވެ ހުޅުމާލެ 2 ވަނަ ދިޔަވަހި އާބާދުކުރުމަށް އިތުރު މުއްދަތެއް ނަގާނެކަމަށް މިވަނީ ބެލެވިފައެވެ.

ހިޔާ މަޝްރޫއުގެ ފުލެޓެއްގެ ހައްގުވެރިއެއް.

ތި ތަނަށް ކޮތަރު ކޮއްޓައް ގޮވިޔަސް ބޮޑެއް ނުވާނެ. ތިތަން ދީބަލަ ތިތަނުގެ ހައްގު ވެރިންނަށް. ދީފަ އެޔައް ވުރެ ބޮޑު ތަނަވަސް ތަންތަން އެޔަށް ވުރެ އަގުހެޔޮ ކޮށް އަޅާބަލަ.

އަލިބެ

އާޒިމްއަށް ފްލެޓް ފެނުނުގޮތަށް ދޯ މަޒްމޫން ލިޔެވޭނީ.

ޙާމި

ތަންކޮޅެއް ނެތިގެން އުޅޭ ބަޔަކަށް ތިވަރުގެ ތަންކޮޅެއް ވެސް ލިބުނީތީ ޙަމްދުކުރަން، މި މާލޭގައި މާލޭގެ ގިން މީހުން އުޅެނީ ކުދިކުދި ތަންކޮޅުގައި އެތައްބަޔަކާއެކު މާނިކަމެތިކޮށް.. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

ކުލި ދައްކާތާ 12 ަހަރު ވެފައިވާ މީހެއް

އިސްމާއިލް އާޒިމް އަސް ބުނެލަން އޮތީ މާލޭގެ އާންމުކޮށް 15000ރ އަށް ކުއްޔައްލިބޭ ތަނެއްގެ ބޮޑުމިނާ އެތަނުގެ ހާލަތާ ބަލާފަ މިތަންތަން 11000ރ އަށް ރަގަޅު. 20 އަހަރު ފަހުނ މިލްކުވާ ތަނެއްވީމަ އެހިތްހަމަޖެހުންވެސް އޮންނާނެ.

ތަރަބެ

62000 ޑޮލަރު 20 އަހަރަށް ބަހާލީމަ މަހަކަށް 713.36 ޑޮލަރު (11000 ރުފިޔާ) އަރާ ގޮތެއް ސާފުކޮށްލަދީބަލަ.

ކަމަކުވާ

ބޮޑުވަރު!

ޝޭޑް

ތިތަން މާރަނގަޅު މާ ތަނަވަސް އަހަރެން މާލެއިން 12000 އައް ހިފައިގެން މިއުޅޭ ކުޑަގޮޅިއަށްވުރެ. އަހަރެން ބޭނުން ތިތަން.

ދޮން މަނިކު

7000 ފުލަޓު ތިހުރިގޮތައް ވެސް ހަވާލުކުރޭ މާލޭގެ އެޕާޓް މަންޓް ކުލިތައް 2021 1 ރޫމް މާލެ 7000 ރުފިޔާ . 2 " " 12000 " . 3 " " 15000 " . 3+1 " 18000 " . ހެޕިނަސް އިޒް ވެރީ ނިއަރ ....