ޗާޓަރު ދަތުރުތަކަށް ފުރުޞަތު ދިނުމުގައި އިންޑިޔާއިން ތަފާތުކުރާކަމަށް އެމެރިކާއިން ބުނެފައިވަނިކޮށް ބައެއް ބައިނަލްއަޤްވާމީ ފްލައިޓުތައް ޖެއްސުމުގެ ޙުއްދަދޭން ވިސްނާކަމަށް އިންޑިޔާއިން ބުނެފިއެވެ.
ކޯވިޑް-19ގެ ސަބަބުން އިންޑިޔާއަށް ކުރާ ހުރިހާ ތަވާލު ދަތުރުތަކެއްވަނީ މެދުކަނޑާލައިފައެވެ. އަދި ޗާޓަރު ދަތުރުތަކަށް ޙުއްދަ ދިނުމުގައި އެމެރިކާގެ ކުންފުނިތަކަށް ޙުއްދަ ދީފައިނުވާކަމަށް އެމެރިކާގެ ދަތުރުފަތުރާބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.
އެމެރިކާގެ ސަރުކާރުން ބުނީ އިންޑިޔާގެ ޤައުމީ އެއަރލައިނުކަމަށްވާ އެއަރ އިންޑިޔާއިން މެއި މަހުގެ 7ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދު ގިނަ ޗާޓަރު ދަތުރުތަކެއް ކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ތާވަލު ދަތުރުތައް ހުއްޓާލާފައިވުމުން އޭގެ ބަދަލުގައި ޓިކެޓު ވިއްކައިގެން ކުރަމުންދާ ދަތުރުތަކެއްކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.
އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޤައުމަށް އަނބުރާ ނާދެވިފައި ތިބި އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އަނބުރާ އެމީހުންގެ ޤައުމުތަކަށް ގެންދިއުމުގެ މަސައްކަތުގެ އިތުރުން އެހެން ޤައުމުތަކާއެކު ވައިގެ ދަތުރުފަތުރާބެހޭ އެއްބަސްވުންތައް ޤާއިމުކުރުމަށް ވިސްނަމުންދާކަމަށެވެ. އެގޮތުން، އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް ޤާއިމުކޮށް އެ ޤައުމުތަކަށް ސަރަޙައްދީ ރޮނގު ހުޅުވާލުމަށް ވިސްނަމުންދާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އިންޑިޔާއިން ބުނީ އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތްފަދަ ޤައުމުތަކުގެ އެއާލައިނުތަކުން އެއަރ އިންޑިޔާއިން ކުރަމުންދާފަދަ ދަތުރުތައް ކުރުމަށް ހުށަހަޅާފައިވާކަމަށެވެ.