ޚަބަރު

ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ހުއްޓާލާ: އދ


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާޢީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އދން ގޮވާލައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމާ ގުޅޭގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާ މަޝްވަރާކުރައްވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ވިދާޅުވެފައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒްވަނީ އިސްރާއީލުގެ ބައެއްކަމުގައި ފަލަސްޠީނުގެ ބިންތައް ކަނޑައެޅުމުން ހިނގާނެ ހަމަނުޖެހުންތަކަށް ތައްޔާރުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވައިފައެވެ. ނަމަވެސް އެ މަޝްރޫޢު ކުރިއަށްގެންދިއުމުގެ ފެހި ސިގްނަލު އެމެރިކާއިން އަދި ދީފައެއް ނުވެއެވެ. އެކަމާ ގުޅޭ މަޝްވަރާތައް އެމެރިކާއިންވަނީ ފަށައިފައެވެ.

އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތެޚޭޝް ސަލާމަތީ މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައި ވިދާޅުވީ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ފުށުއަރާކަމަކާއި އެފަދަ ޢަމަލެއް ކުރިއަށް ގެންދިއުމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން މަނާކުރާކަމަށެވެ. ފަނަރަ މެންބަރު ޤައުމުގެ މައްޗަށް އެކުލެވިފައިވާ ސަލާމަތީ މަޖިލީހަށް އެ ރިޕޯޓު ހުށަހަޅުއްފައިވަނީ ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެ ރިޕޯޓުގައި ގުތޭޚެޝް ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަކީ އެ ޤައުމުގެ ބައެއްކަމުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ޞުލްޙައިގެ މަޝްވަރާތައް ފެށުމަށާއި ފަލަސްޠީނާއި އިސްރާއީލުގެ ދެ ދަޢުލަތް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ހިޔަނި އެޅޭނެކަމަށެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ފަލަސްޠީނާއި އިސްރާއީލުގެ ރައްޔިތުންގެ އިތުރުން އެ ސަރަޙައްދަށް ކުރާނެކަމަށާއި ސަރަޙައްދީ ސުލްޙަ ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ 25 ޤައުމުތަކަށް ނިސްބަތްވާ 1،000އަށްވުރެ ގިނަ މަޖިލިސް މެމްބަރުންވެސްވަނީ އިސްރާއިލުގެ ރޭވުމަށް ދެކޮޅުހަދައި ސިޓީއެއްގައި ސޮއިކޮށްފައެވެ. ގިނަ ނޫސްތަކެއްގައި ޝާއިޢު ކޮށްފައިވާ އެ ސިޓީގައި ބުނެފައިވަނީ އިސްރާއިލުގެ ރޭވުންތަކާމެދު ކަންބޮޑުވާކަމަށާއި އެފަދަ ގޮތަކަށް ޢަމަލުކޮށްފިނަމަ އެކަމާ އެކަށީގެންވާ ފިޔަވަޅެއް އަޅަން ތާޢީދުކުރާކަމަށެވެ.