ޚަބަރު

އިއްޔެ އެކަނިވެސް 500އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވައިފި


އިއްޔެ އެކަނިވެސް 500އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމުތަކަށް ފޮނުވާލައިފިއެވެ.

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން އެނބުރި ޤައުމަށް ދާން ބޭނުންވާ ބިދޭސީން އެނބުރި ޤައުމަށް ފޮނުވުމުގެ އިންތިޒާމު ސަރުކާރުން ދަނީ ހަމަޖައްސަވަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް 513 ބިދޭސީއަކު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، 170 އިންޑިއާ ރައްޔިތުންނާއި، 143 ނޭޕާލް ރައްޔިތުންގެ އިތުރުން 200 ބަންގްލަދޭޝް ރައްޔިތުންނެވެ.

އިތުރު ބިދޭސީންތަކެއް އަނބުރާ ފޮނުވާލުމުގެ ހުއްދަ އިމިގްރޭޝަނުން ދީފައިވާއިރު، ވިސާ ޖެހުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށައަޅާފައިވާ ޕާސްޕޯޓްތައް އެ އިދާރާއިން ދޫކުރަން ވަނީ ފަށާފައެވެ. އިމްގްރޭޝަނުން ވިދާޅުވީ، ،މިހާރު ދޫކުރަމުން އަންނަނީ ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުކުރުމުގެ ކުރިން ވިސާ ޖެހުމަށް އެއިދާރާއަށް ހުށައަޅާފައިވާ ޕާސްޕޯޓްތައްކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓްތައް ދޫކުރަން ފެށީ ރާއްޖޭގައި ތިބި ބިދޭސީން އެމީހުންގެ ޤައުމުތަކަށް ގެންދިޔުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާތީ ކަމަށެވެ. ހުކުރު، ހޮނިހިރު ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު އެގާރައިން މެންދުރުފަހު އެކެއް ޖަހަންދެން ޕާސްޕޯޓުތައް ދޫކުރަމުން ގެންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ޕާސްޕޯޓް ބަލާ އަންނައިރު ވިސާއަށް ހުށައެޅި ރިސިޕްޓް ގެނައުމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. މާލޭގައި ކޯވިޑް-19 ކޮމިއުނިޓީ ސްޕްރެޑެއް އަދިވެސް އޮތް އިރު މި ބަލި ޖެހުނު މީހުގެ އަދަދު މިވަނީ ދެ ހާސް ދުއިސައްތައަށްވުރެ މައްޗަށް އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މިގެތެރޭގައި ހިމެނެނީ ބަނގަލަދޭޝާއި އިންޑިއާ، ސްރީލަންކާ، ނޭޕާލްގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ. މިފަދަ ފަރާތްތައް ދިރިއުޅޭ ބައެއް ކޮންޓެއިންމެންޓް ސައިޓްތައް ފާހަގަކޮށް ވަނީ މޮނީޓަރިންގްއަށްވެސް ލާފައެވެ.