ޚަބަރު

ދެ މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި


މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހްމަތު ކުރެވޭ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދޭން އެދިފައިވަނިކޮށް އެމީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުތައް ހައިކޯޓުން ބާތިލްކޮށްފި އެވެ.

މި ދެމީހުންނަކީ ދެ މައްސަލައެއްގައި ހިމެނޭ ދެ މީހުނެވެ. އޭގެ ތެރެއިން އެ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މީހަކު ބަންދުގައި ބަހައްޓައިދޭން އެދުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލައެވެ. އެ އަމުރު ބާތިލް ކޮށްދޭން ހައިކޯޓަށް ހުށައެޅިތާ އެއް އަހަރަށްވުރެ ގިނަ ދުވަސްފަހުން އިއްޔެ އެ ކޯޓުން ނެރުނު ހުކުމުގައި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ދެން ބާތިލްކޮށްފައި މަސްތުވާތަކެތި ވިއްކާ ބޭނުންކޮށް، ޓްރެފިކް ކުރުމުގެ ތުހްމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަދޭން އެދުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެވެ. ހައިކޯޓުން އެ އަމުރު ބާތިލްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

މި ދެ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލް ކުރި ނަމަވެސް އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމައިދޭން ޕީޖީގެ ފަރާތުން އަލުން އެ ކޯޓަށް ހުށައަޅައިފި ނަމަ އެ ކޯޓުން ހައިކޯޓުގެ މި ހުކުމަށް ރިއާޔަތްކޮށް އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައި އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ އެ ހުކުމުގައި އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އެ ދެ މީހުންގެ މައްޗަށް މައްޗަށް ތުހުމަތުކުރެވިފައި ވަނީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް ޓްރެފިކްކުރުމުގެ ކުށްކަމަށްވާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ ކުށެއްކަން އެނގެން އޮންނަކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްކަމަށް ސުޕްރީމް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.

އަދި މި މައްސަލާގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލާއިރު އެ ދެ މީހުންގެ މައްޗަށް ތުހުމަތުއުފެދޭ މިންވަރަށް ހެކި ޤަރީނާ ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި، އަދި އެ ދެމީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަމަށް ކަނޑައެޅިފައި އޮތްއޮތުމުގެ މައްޗަށާއި، އަދި އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު، އެ ދެ މީހުންވެސް ބަންދުގައި ބަހައްޓަންޖެހޭނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ނުފޯރުވޭނެފަދަ ތަނެއްގައިކަން މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ.