ސިޔާސީ

ސީއެސްސީއަށް ދެ ބޭފުޅަކު އައްޔަންކުރަން ރުހުން ދީފި


ސިވިލް ސާރވިސް ކޮމިޝަންގެ
މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ދެބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން
މިއަދު ރުހުންދީފިއެވެ. 

އެ ދެ ބޭފުޅުންނަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ
ކުރީގެ މެމްބަރު ހ.މެރީކުއިން ޑރ.އަލީ ޝަމީމާއި، އެންމެ
ފުރަތަމަ އެކުލަވާލެވުނު ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަން ކުރައްވާފައިވާ ހުޅުމާލެ
ފުލެޓު އެކެއް-ޖީ-ފަސްދޮޅަސް ދޭއް، ޒަކަރިއްޔާ ހުސައިނެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ
މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ފާސްކުރީ އެކޮމިޝަނުގައި
ތިއްބަވާ ފަސް މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޑރ
މުހައްމަދު ލަތީފު އެމަޤާމުން އިސްތިއުފާ ދިނުމުންނާއި، ކޮމިޝަނުގެ ނައިބު
ރައީސަކަށް ހުންނެވި އަހުމަދު ހަސަން ދީދީއާއި ކޮމިޝަނުގެ މެމްބަރު ހަދީޖާ އާދަމްގެ
މަޤާމުގެ މުއްދަތު ހަމަވާތީއެވެ. 

މީގެ ތެރެއިން ހަދީޖާ އާދަމާއި އަހުމަދު ހަސަން ކޮމިޝަނުގެ
މެމްބަރުކަމުގެ އިތުރު ދައުރަކަށް ނަން ހުށަހެޅުއްވި. ނަމަވެސް މިއަދުގެ
ޖަލްސާގައި އެ ދެބޭފުޅުންނަށްވެސް ކޮމިޝަނުގެ މެމްބަރުކަމަށް އާދެވޭވަރަށް ވޯޓް
ލިބިވަޑައިގެންފައެއްނުވެއެވެ. 



މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް
އައްޔަންކުރުމަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސް އަޒުރާ އަހުމަދުގެ ނަންފުޅުވެސް
މަޖިލީހުގެ ތަޅުމަށް ހުށަހެޅުނެވެ. ނަމަވެސް އޭނާގެ ނަންވެސް މަޖިލީހުން ފާސް ވާވަރަށް ވޯޓް ލިބިފައެއްނުވެއެވެ. އެހެންކަމުން ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަންކުރެއްވުމަށް މަޖިލީހުން
އިތުރު ނަމެއް އަދި ފާސްކުރަންޖެހޭނެއެވެ.