ވިޔަފާރި

ރާއްޖޭގައި ރިސޯޓް ހިންގާ ޖޯން ކީލްސްގެ ވިޔަފާރިތައް ފުޅާކުރުމަށް 175 މިލިއަން ޑޮލަރު


ރާއްޖެއާއި ލަންކާގައި ހިންގާ ޖޯން ކީލްސްގެ ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް، ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައިއެފްސީން 175 މިލިއަން ޑޮލަރުގެ ފަންޑު ދިނުމަށް ނިންމައިފިއެވެ.

އައިއެފްސީއަކީ ވޯލްޑް ބޭންކުގެ ދަށުން ހިންގާ ކޯޕަރޭޝަނެކެވެ. ލަންކާގެ ޖޯން ކީލްސް ހޯލްޑިންސްއަށް ދޭން ނިންމާފައިވާ ފަންޑާއި ބެހޭ ގޮތުން އައިއެފްސީން ނެރުނު ބަޔާނުގައި ބުނީ މިއިންވެސްޓްމަންޓު ކުރަނީ ރާއްޖޭއާއި ލަންކާގައި ޖޯން ކީލްސް ފަރާތުން ހިންގާ ހޮޓާ، ރިޒޯޓުތައް ތަރައްޤީކުރުމަށްކަމަށެވެ. އަދި ލަންކާގައި ޖޯން ކީލްސްއިން ހިންގާ ސުޕަމާކެޓް ޗެއިންގެ ފިހާރަަތައް އިތުރުކުރުމަށް ކަމަށެވެ.

އައިއެފްސީން ބުނީ މިފަންޑަކީ ޖޯން ކީލްސްއިން ރާއްޖެ އަދި ލަންކާގައި ހިންގާ ޕްރޮޕަޓީޒްތައް މަރާމާތުކޮށް، އިތުރަށް ތަރައްޤީކުރުމާއި، ވަޒީފާތައް އިތުރުކުރުމަށް އެހީތެރިވުމަށް ދެވޭ ފަންޑެއް ކަމަށެވެ. އަދި މިފަންޑުގެ ސަބަބުން ރާއްޖެ އަދި ލަންކާގައި ޖޯން ކީލްސްއިން ހިންގާ ވިޔަފާރިތަކުން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެން ދާނެކަމަށެވެ.

އައިއެފްސީއިން ލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރ އަމީނާ އާރިފް ވިދާޅުވީ މިފަންޑުގެ ސަބަބުން ލަންކާގެ އެންމެ ބޮޑު އެއް ވިޔަފާރިކަމަށްވާ ޖޯން ކީލްސް އިތުރަށް ފުޅާކޮށް، އެކުންފުނީގެ ތެރެއިންނާއި، ކުންފުންޏާއެކު މަސައްކަތް ކުރާ އެހެން ވިޔަފާރިތަކުގެ ޒަރިއްޔާއިން އުފެދޭ ވަޒީފާތައް އިތުރުކުރުމަށް ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. އަދި މިދަނޑިވަޅުގައި އިޤްތިސާދުތައް ނަގަހައްޓަން މަސައްކަތް ކުރަމުންދާއިރު މިފަންޑު ޖޯން ކީލްސްއަށް ދިނުމުން ރާއްޖެ އާއި ލަންކާގައި އިންވެސްޓްކުރުމަށް ރަނގަޅު މާހައުލެއް އެބައޮތްކަން ހާމާވާކަމަށެވެ.

މިކަމާބެހޭ ގޮތުން ޖޯން ކީލްސްގެ ޗެއަރމަން އަދި ސީއީއޯ ކްރިޝްނާ ބަލެންދްރާ ވިދާޅުވީ އައިއެފްސީ އިން ޖޯން ކީލްސްއަށް މި ފަންޑު ދިނުމުން ދައްކުވައިދެނީ ދުނިޔެއަށް މިފަދަ ނާޒުކު ހާލަތެއް ދިމާވެފައިވާއިރުވެސް ޖޯން ކީލްސް ކުންފުންޏަށް ބޭރުގެ މިފަދަ ކޯޕަރޭޝަންތަކުން ކުރާ އިތުބާރުކަމަށެވެ. އަދި މިފަންޑުގެ ސަަބަބުން މިހާރުވެސް ކާމިޔާބުކަމާއިއެކު ކުރިއަރަމުން އަންނަ މިކުންފުނި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

މިފަންޑުގެ ދަށުން ރާއްޖޭގައި ޖޯން ކީލްސްއިން ހިންގަމުންދާ ރިޒޯޓުތައް ގްރީން ހޮޓެލްސް ކޮންސެޕްޓް، ނުވަތަ ތިމާވެއްޓާއި ރައްޓެހި ރިޒޯޓުތަކަށް ހެދުމަށް ކުރާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އައިއެފްސީން ދެކެއެވެ.

ޖޯން ކީލްސްއިން ދަނީ ރާއްޖޭގައި މިހާރުވެސް ތިން ރިޒޯޓެއް ހިންގަމުންނެވެ. އެއީ ސިނަމަން ހަކުރާ ހުރާ، ސިނަމަން ދޮންވެލި މޯލްޑިވްސް އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންއެވެ. މީގެއިތުރުން ޖޯން ކީލްސް ކުންފުނިން ރާއްޖޭގައި ތަރައްޤީކުރާ ހަތަރު ވަނަ ރިޒޯޓު މިހާރު ދަނީ ތަރައްޤީ ކުރަމުންނެވެ.