ޚަބަރު

ރައްޔިތުން ވެދެއްވީ ބޮޑު ޤުރުބާނީއެއް، ޝުކުރިއްޔާ - ރައީސް


ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުމަށް ވެވަޑައިގެންވި ޤުރުބާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ކޯވިޑްގެ ފުރަބަންދަށްް ސަރުކާރުން ދިން ލުއިތަކަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ދުނިޔެއަށް ކޯވިޑް 19 އިން ދިން ހަމަލާއިން ދިވެހި މުޖްތަމައު ރައްކާތެރިކުރުމަށް ދިވެހި ރައްޔިތުން ވެވަަޑައިގަތީ ވަރަށް ބޮޑު ޤުރުބާނީއެއްކަމަށެވެ.

" 42 ދުވަސް ވަންދެން ގެއިން ނުނިކުމެ މުޅި ރޯދަ މަސްވެސް ހިމެނޭ ގޮތަށް ތުއްތު ތުއްތު ދަރިންނާއި ދުވަސްވީ މައިން ބަފައިންނާއި މުޅި އާއިލާއެކުގައި ގޭ ބަންދުގައި ހޭދަކުރުމަކީ ވަރަށް ދަތި އުދަނގޫކަމެއް. މީ ތި ހުރިހާ ބޭފުޅުން އާދެ ވަކި ވަކި ފަރުދުންނާއި މުޅި މުޖްތަމައުގެ ރައްކަލަކަށްޓަކައި ވެޑައިގެންނެވީ ވަރަށް ބޮޑު ޤުރުބާނީއެއް. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އިހްލާސްތެރިކަމާއި އެކު ޝުކުރުި ދަންނަވަން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް 19 މުޅި ދުނިޔެއަށް ދިން ހަމަލާއިން ދުނިޔޭގެ ހުރިހާ ޤައުމެއްގެ ސިއްހީ ނިޒާމު ހުއްޓުމުކަށް ގެނުވިކަމަށެވެ. ހުރިހާ ޤައުމަކަށްވެސް މި ބައްޔަށް ކުރަން ޖެހުނީ މުޅި އައު ތަޖުރިބާތަކެއްކަމަށާއި މިކަމުގައި ދުނިޔޭގެ އެންމެ ކުރި އަރާފައިވާ އެންމެ ބޮޑެތި ޤައުމުތަކަށްވެސް ވަކި ތަފާތެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެވެސް މި ބައްޔާއި ކުރިމަތިލީ މިހާލަތުގައިކަމަށާއި ރާއްޖެއިން މި ބައްޔަށް ޝައްކުވެގެން ފުރަތަމަ ނެގި 7 މީހުންގެ ސާމްޕަލް ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށްކަމަށެވެ. އެހެންނަމަވެސް އެތައް ބައެއްގެ ބުރަ މަސައްކަތަކާއި އެކު މިއަދު ރާއްޖެއަށް މިވަނީ މި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭވަރަށް ތައްޔާރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

" މިއަދު އިރާދަކުރެއްވިއްޔާ ރާއްޖޭގައި ދުވާލަކު 1000 ވުރެ ގިނަ ޓެސްޓް އެބަހެދޭ. އައްޑޫގައި މިމަހުގެ 21 ވަނަދުވަހު ވަނީ ޕީސީއާރު ޓެސްޓް ހަދަން ފަށާފައި. އިރާދަކުރެއްވިޔާ ކުޅުދުށްފުށީގައިވެސް އަންނަ ހަފްތާގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރަން ފެށުމަށް ވަނީ ތައްޔާރުވެފައި. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް 2217 މީހުންނާއި ގުޅިގެން 17605 މީހުން ކޮންޓެކްޓް ޓްރޭސްކުރެވިފައިވޭ. އަދި ޖުމްލަ 8328 މީހުން ކަރަންޓީނު ފެސިލިޓީސްގައި މުއްދަތު ހަމަކުރުމަށްފަހު ވަނީ ދޫކޮށްލާފައި. " ރައީސް ވިދާޅުވިއެވެ.

މިހާރު ރާއްޖެއަކީ އަބާދީގެ ނިސްބަތުން ބަލާއިރު މި ސަރަހައްދުގައި އެންމެ ގިނައި ކޯވިޑަށް ޓެސްޓްކުރާ ޤައުމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި 40 ހާހަށް ވުރެ ގިނަ ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑަށް ފަރުވާދިނުމަށް 250 އައިސީޔޫ ބެޑާއި 655 އައިސޮލޭޝަން އެނދު މިހާރު ޤާއިމުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ކުރި ބުރަ މަސައްކަތާއި އެކު އާއްމު ދިރިއުޅުމަކަށް ދިއުމަށްޓަކައި ދެވަނަ މަރުހަލާއެއް ފަށަން ތައްޔާރުވެފައިކަމަށާއި އެގޮތުން އަންނަ ޖުލައި މަސް ފެށުމުން އިތުރު ލުއިތަކާއިއެކު ސަރުކާރުގެ އޮފީސްތަކާއި ސައިހޮޓާތަކާއި ރެސްޓޯރަންޓްތައް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ސްކޫލްތަކުގައި ކިޔަވާދިނުންވެސް ކަނޑައެޅިފައިވާ ވަކި އުސޫލްތަކުން ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.