ވިޔަފާރި

ބަޖެޓް ދަރަނި ކުޑަކުރުމަށް 300 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކަނީ


ބަޖެޓްގެ ދަރަނި ކުޑަކުރުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހަކީވެސް ވިޔަފާރިތަކާއި އެހެން ދާއިރާތަކަށް ވެސް ވަރަށް ބޮޑަށް ދަތިވެގެންދާނެ 6 މަސް ދުވަސްކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އިޤްތިސާދީ މަސައްކަތްތައް ފަށައިގަންނަން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގެ އިޤްތިޞާދަށް ހީނަރުކަން އަންނަމުންދާއިރު ރާއްޖޭގެ އިޤްތިޞާދުވެސް ދަށަށް ގޮސްފައިވާކަމަށެވެ. އަދި އިޤްތިސާދު ކޮޅަށްޖެހުމަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ޑޮލަރު ލިބިއްޖެނަމަ ކުރިއަށް އޮތް ހަ މަސްދުވަސް ސަރުކާރުގެ ހަރަދުތައް ހިފަހައްޓާލެވޭނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

"ބަޖެޓްގައި ހިމަނައިގެން އަޅުގަނޑުމެން ޖަޕާނުން ހޯދަން އުޅުނު ސަމުރާއީ ބޮންޑުގެ މަސައްކަތް މިހާރަކު ކުރިއަކަށް ނުދޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. އަޅުގަނޑަށް ޔަގީންކަން އެބައޮތް މި ދަންނަވާ 300 މިލިއަން ޑޮލަރު ލިބިއްޖިއްޔާ ކުރިއަށް އޮތް ހަ މަސް ހިފަހައްޓާލެވޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، މިހާތަނަށް 120 މިލިއަން ޑޮލަރުގެ ލޯނު އެހީ ދުނިޔޭގެ އެކި ޤައުމުތަކުން ލިބިފައިވާކަމަށެވެ. އަދި އިތުރު އެހީ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި ސައުދީ އަރަބިއްޔާއިން މިހާރުވެސް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.