ކޯވިޑް-19ގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 13.4 ބިލިއަން ރުފިޔާގެ ލޯނު ފަސްކޮށްދެއްވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މިދަނޑިވަޅަކީ ދައުލަތުން އާއްމު ވަކިވަކި ފަރުުދުންނަށާއި، ވިޔަފާރިތަކަށް ދެވެން އޮތް އެހީއެއް ދޭންވީ ވަގުތު ކަމަށެވެ. އަދި ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރުން އެކަން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބެންކުތަކުން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް އެދުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޯޅަ ހާހަށްވުރެ ގިނަ ފަރާތަކަށް ދޫކޮށްފައިވާ 13.4 ބިލިއަން ރުފިޔާގެ ލޯނު ފަސްކޮށްފައިވާކަމަށެވެ. އަދި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެކި ސްކީމްތައް މެދުވެރިކޮށް ލޯނުތައް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެއިތުރުން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން 244 ފަރާތަކަށް 305 މިލިއަން ރުފިޔާ އާއި 5 މިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެން މިހާތަނަށް ދީފިން. އަދި އެސްޑީއެފް މެދުވެރިކޮށް އެތަނަށް ހުށަހަޅާފައި އޮތް 2370 ފަރާތުގެ ތެރެއިން 1382 ވިޔަފާރިއަކާ، 988 ފަރުދުން ގެ ތެރެއިން 1356 ފަރާތަކަށް 245 މިލިއަން ރުފިޔާގެ ލޯނު އަޅުގަނޑުމެން ހަމަޖައްސައިދީފިން. 981 ވިޔަފާރި އަކާއި 375 ފަރުދުންނަށް މިހާތަނަށް ލޯނު ދެވިއްޖެ. އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް، އޭގެތެރޭގައި ޓެކްސީ ޑްރައިވަރުންނާއި، މިއުޒިޝަނުންނާއި، ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް ޖުމްލަ 238 މީހަކަށް 7 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި." ރައީސް ވިދަޅުވި އެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ފޯރުކޮށްދިނުން އެހީއަކީ މަޖިލިސް މެރުވެރިކޮށް އެމްއެމްއޭއިން ހަމަޖައްސައިދިން 4 ބިލިއަން ރުދިޔާގެ އޯވާ ޑްރާފްޓުގެ ސަބަބުން ދެވުުނު އެހީއެއްކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޯވިޑްއިން އަރައިގަތުމަށް ކުރާ މަސައްކަތަށާއި މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ މާލީ މުޢައްސަސާތަކާއި ހެޔޮ އެދޭ ޤައުމުތަކާއި ޖަމިއްޔާ ޖަމައަތުން އެހީ ލިބުނުކަމަށެވެ.