ކުޅިވަރު

އަގުއެރޯގެ އަނިޔާ ސީރިއަސް: ގާޑިއޯލާ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗްގައި ފޯވަޑް ސާޖިއޯ އަގުއެރޯގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާންލޭ އަތުން 5-0 އިން ރޭ މެންޗެސްޓާ ސިޓީ މޮޅުވި މެޗުގެ ފުރަތަމަ 11ގައި ކުޅެން ނުކުތް ކުޅުންތެރިޔާ ވަނީ 44 މިނިޓަށް ފަހު ބާލައިފަ އެވެ. އޭނާ އަށް އަނިޔާވީ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދަން އުޅެނިކޮށް ބާންލޭގެ ކުޅުންތެރިއެއްގެ ފައިން ޖެހި ކަކުލަށް އަނިޔާވުމުންނެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ އޭނާގެ ޓީމުގެ ރެކޯޑް ގޯލް ސްކޯރާގެ ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލް އެނގޭނީ މިއަދުގެ ޓެސްޓްތަކަށް ފަހު ކަމަށެވެ. ނަމަވެސް ފެންނަ ފެނުމުގައި އަނިޔާ ސީރިއަސް ކަމަށާއި މިސީޒަނުގައި ކަކުލަށް ލިބުނު އަނިޔާ މުޅިން ރަނގަޅު ނުވަނީސް ރޭ ލިބުނު އަނިޔާގެ ސަބަބުން ފަހަރުގައި އަގުއެރޯ އަށް ގިނަ މެޗުތަކެއް ގެއްލުން އެކަށީގެންވާ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި އެޓީމަށް މެޗުގެ 22 މިނެޓްގައި ލީޑް ނަގާދިނީ ފިލް ފޮޑެން އެވެ. އޭގެ ފަހުން ރިޔާދް މާރޭޒްގެ ދެ ގޯލާއި އެކު ސިޓީން ފުރަތަމަ ހާފް ނިންމާލީ ތިނެއް ސުމެއްގެ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފްގައި ސިޓީން ޖެހި ދެ ގޯލް ކާމިޔާބުކޮށްދިނީ މާރޭޒް އާއި ޑޭވިޑް ސިލްވާ އެވެ. މި މޮޅާއެކު ސިޓީ އޮތީ 63 ޕޮއިންޓާއި އެކު ޓޭބަލުގެ ދެ ވަނާގައެވެ.