ޚަބަރު

ޖާބިރު މާސްކު އަޅުއްވާގޮތާއިމެދު މެމްބަރު ޝަރީފްގެ ނުރުހުން


ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާސްކުއަޅުއްވާގޮތާއިމެދު ކެލާ ދާއިރާ މެމްބަރު އިބްރާހީމް ޝަރީފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުންދާ ދިވެހި ރާއްޖޭގެ ތަފާސްހިސާބުތަކުގެ ބިލަށް ޖާބިރު ވާހަކަ ދައްކަވަން ފެއްޓެވުމާއިއެކު ކެލާ ދާއިރާ އިބްރާހީމް ޝަރީފްވަނީ ނިޒާމީ ނުކުތާއެއް ނަންނަގަވައި ޖާބިރު މާސްކު އަޅުއްވާފައިވާ ގޮތުގެ ސަބަބުން ކައިރީގައި ތިއްބަވާ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުނުވާކަމަށް ވިދާޅުވެފައެވެ. މަޖިލިސް ރައީސް ވަނީ ޝަރީފްގެ ނިޒާމީ ނުކުތާ ބަލައިގަނެ، އެ މެމްބަރު އެހެން ގޮޑިއަކަށް ބަލަލުވެވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.

ޝަރީފްގެ ނިޒާމީ ނުކުތާގެ ރައްދުގައި ޖާބިރު ވިދާޅުވީ މާސްކު އެޅުމަށްވެސް ވަކިން ޤާނޫނެއް ހެއްދެވުމަކީ މުހިންމުކަމެއްކަމަށެވެ. މާސްކުއެޅުމާއި ގުޅޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ އެޗްޕީއޭއިން މާސްކު އެޅުމާއި ގުޅޭ ގޮތުން ޚާއްސަކޮށް އިރުޝާދުދީފައިވާ ކަމަށެވެ. އެގޮތުން މާސްކު ނާޅައި ބަންދުތަނެއްގައި އިންފެކްޓްވެފައިވާ މީހަކާއި 3 ފޫޓުގާތުގައި 15 މިނިޓަށްވުރެ ގިނައިރު ހުރިނަމަ ބަލާނީ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މާސްއަޅުއްވާ ގޮތާއިމެދު ސޯޝަލް މީޑިޔާގައިވެސް ގިނަ ބަޔަކުވަނީ ފާޑުވިދާޅުވެފައެވެ. މާސްކު އަޅައިގެން ވާހަކަދައްކަވަން އުދަގޫވުމުން ޖާބިރު މާސްކުއަޅުއްވައިގެން ހުންނަވަނީ މާސް ފަށްޖެހުމަށްފަހު އަޖަމަތި ނިވާވާގޮތަށް އެކަންޏެވެ. ޖާބިރު މާސްކުއަޅާގޮތަށް ބަދަލު ގެނެސްފައިވަނީ އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައެވެ.

ފުރަބަންދަށް ލުއި ދެވިފައިވީ ނަމަވެސް، ކޯވިޑް19 ހަލުވިކަމާއެކު ފެތުރުނަ ނުދިނުމަށްޓަކައި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓައި، މާސްކް އަޅައި، ކެއްސާ ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ނިވާ ކުރުމުގެ އިތުރުން ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.