ޚަބަރު

ކޯވިޑް-19 ބަލި މީހުންނަށް ފަރުވާކުރުމުގައި އާއިލާ އާއި ދުރުގައި ދެމަސް


ކޯވިޑް-19ގެ ޙާލަތުގައި އެންމެ ކުރީސަފުގައި ޑޮކްޓަރުންނާއެކު މަސައްކަތްކުރައްވަމުންގެންދަވާ ނަރުހުން ދަނީ ބޮޑެތި ޤުރުބާނީތަކެއް ވަމުންނެވެ. މިފަދަ ނަރުހުންގެ ތެރެއިން އެކަކީ އެޗްއައިއެޗްގައި މަސައްކަތް ކުރަމުން ގެންދާތާ ދެމަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފާތުމަތު މާޝީ ޢަބްދުﷲ އެވެ. އޭނާ އަންނަނީ ޤައުމާއި ޢާއިލާ ފަޚުރުވެރިވާ ފަރާތަކަށް އެތައް ޚިދުމަތްތަކެއް ކޮށްދެމުންނެވެ.

ހުޅުލޭގައި ޤާއިމުކޮށްފައިވާ ކޯވިޑް-19ގެ ފޯކަލް ޕޮއިންޓް އެޗްއައިއެޗްގައި މަސައްކަތްކުރަމުން އަންނަ ފާތުމަތު މާޝީ ޢަބްދުﷲއަކީވެސް ކޯވިޑާއި ދެކޮޅަށް މިކުރެވޭ ހަނގުރާމައިގައި އެންމެ ކުރީސަފުގައި ސާބިތުކަމާއެކު ކެރިގެން ހުރި ނަރުހެކެވެ. އެމްއެންޔޫގައި ނާސިން ދާއިރާއިން ޑިޕްލޮމާއާއި ޑިގްރީ ހާސިލްކުރުމަށްފަހު އައިޖީއެމްއެޗުގައި މަސައްކަތް ކުރަން ފެށިތާ އެންމެ 10 މަސްދުވަސް ވީތަނާ ކޯވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައުމާއި އެކު އޭނާވެސް ކުރިމަތިލީ މިހަނގުރާމައާއެވެ.

ޗައިނާއިން އެންމެ ފުރަތަމަ ކޭސްތައް ފެންނަން ފެށި ހިސާބުން ރާއްޖެއަށް ވައިރަސް އަންނާނެކަމަށް ބަލައިގެން ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރަން ފެށި ޕްރޮގްރާމުގައި މާޝީވެސްބައިވެރިވިއެވެ. ޕީއެސްއެމްނިއުސްއަށް ދިން އިންޓަރވިއުގައި މާޝީ ބުނީ އެތަމްރީނުތަކުގައި މިފަދަ ބަލިމަޑުކަމާ ކުރިމަތިލުމަށް ބޭނުންވާ މުހިއްމު އެތައް ތަމްރީނުތަކެއް ލިބިގެންދިޔަކަމަށް މާޝީ ފާހަގަކުރިއެވެ. އެހެންނަމަވެސް ހަގީގަތުގައި ކުރިމަތިލާން ޖެހުނީމަ ތަފާތު ތަޖުރިބާއަކަށްވީކަން މާޝީ ފާހަގަކުރިއެވެ.

މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މަދު މުވައްޒަފުން ބޭނުންކުރަންޖެހުމުންވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވިކަން މާޝީ ފާހަގަކުރިއެވެ. އެގޮތުން 3 ފަންގިފިލާގައި ބަލިމީހުންތިބޭއިރު ހުރިހާ މީހުންގެ ޙާލުބަލަން ވަރަށް ހިއްވަރުކުރަންޖެހޭކަމުގައިވެސް މާޝީ ބުންޏެވެ.

" ކިތަންމެ ހޫނު ވިޔަސް އަދި ފާޚާނާއަށް ދާންޖެހުނަސް ނުގޮސް 8 ގަޑިއިރު ހެޒްމަތު ޝޫޓޫލައިގެން ކެތްކުކޮށްގެން އުޅެން ދަސްކުރަން ޖެހުނީ" - މާޝީ

ބަލިމީހުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ މިބަލީގެ ބާވަތުން ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިކަށިވެފައިވުންކަމަށް މާޝީ ބުންޏެވެ. އެގޮތުން ބައެއް ޕޭޝަންޓުންނަކީ އެކަނި ފެސިލިޓީގައި ތިބެންޖެހުނު މީހުންކަމަށްވުމުން އެފަރާތްތަކަށް އެހެން ޕޭޝަންޓުންނަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށް މާޝީ ބުންޏެވެ. އަދި ޕޭޝަންޓުން ގެންނަ ފުރަތަމަ ދުވަހުން ފެށިގެން އެޗްއައިއެޗުން ޑިސްޗާޖުކުރުމާއި ހަމައަށް ހުރިހާ ޕޭޝަންޓުންނަށްވެސް ނަފްސާނީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދެމުންގެންދިޔަކަން މާޝީ ފާހަގަކުރިއެވެ.

" ކޮންމެ ޕޭޝަންޓަކީ ތަފާތު ޕޭޝަންޓެއް. އެކި މީހުންނަށް އަޅާލުމާއި ސަމާލުކަން ބޭނުންވަނީ އެކިވަރަށް. ޑައިބެޓިކް ޕޭޝަންޓުންނަށް އެފަދަ ކާނާ ދިނުމަށް ސަމާލުކަންދޭއިރު ބައެއް މީހުން ބައެއް ކާނާއަށް އެލަރޖިކްވޭ. އެފަދަ ހުރިހާކަމަކަށް ސަމާލުކަންދީގެން ހުރިހާ ބަލިމީހުންވެސް ގެންގުޅެނީ. އަދި ޑައިލިސްސްފަދަ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުނަށް އެކަންވެސް ކުރެވޭނެ ގޮތްހަދައިދީ އެހީތެރިވަމުންދަނީ." މާޝީ ބުންޏެވެ.

ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ލިބުނު ފުރުސަތަކީ ގޮންޖެހުން ބޮޑު ކަމަކަށްވެގެންދިޔައީ އެންމެ ކަމަކުން ދެކަމަކުން ނޫނެވެ. ޑިއުޓީގައި އުޅެންޖެހޭ ހުރިހާ ގަޑިއެއްގައި އަމިއްލަ ރައްކާތެރިކަމަށްޓަކައި ލާންޖެހުނު ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)އަކީވެސް ކުރިމަތިވި ބޮޑު އިމްތިހާނެކެވެ.

" ކުރިން ނޯމަލް ސްކްރަބްސްގަ އުޅެފަ ޕީޕީއީގަ ހުންނަން ޖެހުނީމަ ވަރަށް ދަތިވި. ފާޚާނާއަށް ދާންޖެހުނަސް 8 ގަޑިއިރު ނުގޮސް ކިތަންމެ ހޫނު ވިޔަސް ކެތްކުރަން ދަސްކުރަންޖެހުނީ. ޕީޕީއީއާއެކު ހުންނައިރު އަޅާ ފޭސް ޝީލްޑްއެޅީމަ ވަރަށް ބޮޑަށް ބޮލުގަވެސް ރިއްސާ." މާޝީ ބުންޏެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި އެންމެ ހިތްދަތި އެއްކަމަކީ ނުރައްކަލަށް ހުށައެޅިފައިވާ މީހުން ވަމުންދާ ޤުރުބާނީ ބައެއް ފަރާތްތަކުން ބަލައިގަތުމުގެ ބަދަލުގައި އެއީ ބަލި ފެތުރޭ ޒަރިއްޔާއެއްގެގޮތުގައި ދެކޭ ދެކުންކަމަށް މާޝީ ބުންޏެވެ. އެގޮތުން އެކި ފެސިލިޓީގައި މަސައްކަތްކުރާ މީހުންގެ ފަރާތުން އެހެން މީހުނަށް ބަލި ފެތުރޭކަމަށް އަދި ބިރެއްގެގޮތުގައި ދެކޭ ދެކުމާމެދު މާޝީ ބުނީ މިބަލިމަޑުކަމުގެ ރިސްކު ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެނގޭކަމަށާއި ފްރޮންޓަލައިންގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުކޮށްފައި ވާކަމަށެވެ.

އަދި މިދަނޑިވަޅުގައި ކުރީސަފުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިން އެންމެ ސަމާލުކަމެއްދޭ އެއްކަމަކީ އެފަރާތްތަކުގެ ކިބައިން ވައިރަސް އެހެން މީހުނަށް ނުފެތުރޭނެ ގޮތެއްގެ މަތިން މަސައްކަތްކުރުންކަން މާޝީ ފާހަގަކުރިއެވެ. އަދި އެގޮތަށް ބައެއް ފަރާތްތަކުން ދެކޭ ދެކުމާއި ގުޅޭގޮތުން ޑޮކްޓަރުންނާއި ނަރުހުން އެއްޗެއް ނުބުނިނަމަވެސް އެކަމާއި ގުޅިގެން ދެރަވެ ހިތުގައި ޖެހޭކަމަށާއި އޭގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރާކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އެދޭ ކަމުގައި މާޝީ ބުންޏެވެ.

"މަންމައާއި ބައްޕައާއި ރައްޓެހިންނާ ދުރުގަ ހުންނަން މެންޓަލީ ތައްޔާރަކަށް ނޫންހުރީ" - މާޝީ

ތަމްރީނު ޕްރޮގްރާމްތަކުގެ އެހީގައި ބައްޔާ ކުރިމަތިލާން މާޝީ ހުރީ ތައްޔާރުވެގެންނެވެ. އެހެންނަމަވެސް ތައްޔާރުނުވެވުނީ މަންމައާއި ބައްޕައާއި ޢައިލާގެ އިތުރުން ރަޙުމަތްތެރިންނާ ދުރުގައި އެހާ ދިގުމުއްދަތަކަށް ހުންނަންކަމަށް މާޝީ ބުންޏެވެ.

"އަސްލު އައީ 14 ވަރަކަށް ދުވަހު ހުރެލާފަ ދާންޖެހޭކަމަށް ބަލައިގެން. އެކަމަކު މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެގެންދިޔައީ. އެއްގޮތަކަށްވެސް މެންޓަލީ ޕްރިޕެއާވެފައެއް ނޫން ހުރީ މަންމައާ ބައްޕައާ ދެން ރައްޓެހިންނާ ދުރުގަ މިހާ ދުވަހު ހުންނަން. ޢާއިލާއާއި މަންމައާއި ބައްޕަ ވަރަށް ހިތްވަރުދޭ. ފަޚުރުވެރިވާ ވާހަކަ އަބަދުވެސް ބުނޭ. ރައްޓެހިންވެސް ވަރަށް ސަޕޯޓްކުރޭ." މާޝީ ބުންޏެވެ.

ކޯވިޑް-19އާއި ގުޅިގެން ކުރީސަފުގައި އެޗްއައިއެޗްގައި މާޝީ މަސައްކަތްކުރަންފެށިތާ ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވޭތުވެދިޔަ ދެމަހުގެތެރޭގައި އެންމެ އުފާވީ އެފެސިލިޓީއިން އެންމެ ފުރަތަމަ ޕޭޝަންޓުން ރަނގަޅުވެގެންދިޔަ ދުވަސްކަމަށް މާޝީ ބުންޏެވެ. އަދި އެންމެ ދެރަވީ މާޝީމެން ވަރަށް ގާތުން ވަރަށް ބޮޑަށް އަޅާލަމުންދިޔަ ޕޭޝަންޓަކު ނިޔާވިދުވަސްކަމަށް މާޝީ ބުންޏެވެ.

އައިޖީއެމްއެޗުގެ އީއާރްގައި ބޮޑު ޓީމެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މާޝީއަށް އެޗްއައިއެޗްގައި އެކަނި މުޅި ފެސިލިޓީ ބައެއް ގަޑިތަކުގައި ބަލަހައްޓާ ސުޕަރވައިޒްކުރަންޖެހުމުން ފުރަތަމަ ވަރަށް އާކަމަކަށްވެ ބުރަކޮށް މަސައްކަތްކުރަންޖެހުނުކަމަށް މާޝީ ބުންޏެވެ. މީގެއިތުރުން ހޮސްޕިޓަލްގެ ކަންކަންހުންނަގޮތަށް ބައެއް ބަދަލުތައް ގެންނަންޖެހުނުނަމަވެސް އެޗްއައިއެޗްގައި އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކަމުން ކުރިމަތިވި ބައެއް ދަތިތައްކަމަށް މާޝީ ބުންޏެވެ. އެގޮތުން ބައެއް ރޫމްތަކަށް ވަނުމަށްފަހު އަލުން ސޭފް ޒޯން ނުވަތަ ކްލީން ރޫމަށް ނުވަދެވޭކަމަށް މާޝީ ބުންޏެވެ.

ބަލިމީހުނަށް ފަރުވާދިނުމުގެ އެންމެ ގިނަވަގުތު ބަލިމީހުން ގާތު ހޭދަކުރަން މާޝީ ފަދަ ނަރުހުންނަށް ޖެހުނުނަމަވެސް ޑޮކްޓަރުންގެ އެހީތެރިކަން ފުރިހަމައަށް ލިބޭކަން މާޝީ ފާހަގަކުރިއެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ގުޅާލިނަމަވެސް ޑޮކްޓަރުންގެ ފަރާތުން އެހީތެރިކަން ލިބޭކަމަށް މާޝީ ބުންޏެވެ. ހަމައެއާއެކު ފޯނު މެދުވެރިކޮށް ގިނަ މުޢާމަލާތްތައް ކުރިއަށްގެންދަން ޖެހުނުއިރު މެޑިކަލް ވަޞީލަތްތަކާއި މެޝިނަރީޒްއަށް ދިމާވާ މައްސަލަތަކުގައި ބަޔޯމެޑިކަލް އިންޖިނިއަރުންނާއި ގުޅައިގެން އެކަންކަން ހައްލުކުރަމުން ގެންދިޔައީވެސް މާޝީ އަމިއްލައަށެވެ.

މިފަދަ އެތައް ކަމަކާއި ކުރިމަތިލައި ކުރީސަފުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ އަގު ވަޒަންކުރަން އެބަޖެހެއެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށައަޅައިގެން ޢާއިލާ އާއި ދުރުގައި އެތައް ދުވަހެއްވަންދެން މުޅި ޤައުމަށް ޚިދުމަތްކުރުމުގައި ހޭދަކުރަމުންދާ މާޝީ ފަދަ ހުރިހާ ޚިދުމަތްތެރީންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ޙައްގެވެ.

ސާއިލް

ޕީއެސްއެމް ނިއުސް ތިޔަ ބޭފުޅު ކުރާ މަސައްކަތް ވަރަށް ބޮޑަށް ޝުކުރިއްޔާ

ާމަރީ

ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް.

ރަށިމީހާ

މާޝީ އަށްޓަކައި މުޅިފުވައްމުލައްފަޚުރުވެރިވޭ.މާތްﷲ އިތުރުކާމިޔާބީދެއްވައި އުފާވެރިކަމާއެކުލަހައްޓަވާށި. އާމީން.

ސަރުކާނު

ޢިންަސާނިއްޔަތާވެސް ޚިލާފަށް މަސަްކަތް ކުރުވީމަ ކޑަ. 8 ގަޑިއިރު ފާޚާނާ އަށްވެސް ނުގޮސް؟ ކަޑަ