ޚަބަރު

ތަފާސްހިސާބުތައް ބެލެހެއްޓުމަށް، މުވައްސަސާއެއް އުފައްދައި ޤާނޫނީ ބާރުވެރިކަންދެނީ


ތަފާސްހިސާބާއިބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް އިތުބާރުހުރި ގޮތެއްގައި އެއްހަމައެއްގައި ފޯރުކޮށްދެވޭނެ ގޮތަކަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ދިވެހި ރާއްޖޭގެ ތަފާސްހިސާބުތަކުގެ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ. މިބިލަކީ ރާއްޖޭގައި ތަފާސްހިސާބާއިބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސް ހިސާބު އެއްކުރުމާއި، މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށާއި، އެކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށް އެކުލަވާލެވޭ ޤާނޫނެވެ.

މިޤާނޫނުގެ މަޤްސަދަކީ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުމެވެ. މިޤާނޫނުގެ ދަށުން އެކުލަވާލެވޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އުފުލާ ފަރާތަކީ ޗީފް ސްޓެޓިސްޓީޝަންއެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަނުކުރާނީ، އެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުންނެވެ. އަދި އެމަޤާމަށް ނަން ހުށަހެޅޭތާ 30 ދުވަހުގެ ތެރޭގައި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް މީހަކު އައްޔަންކުރަންޖެހެއެވެ. ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރިވާނީވެސް ޗީފް ސްޓެޓިސްޓީޝަނެވެ.

މިޤާނޫނު ތަންފީޒުކުރުމަށްޓަކައި ފުޅާދާއިރާއެއްގައި މައުލޫމާތު އެއްކޮށް ހާމަކުރުމުގެ ޒިންމާ ބިއުރޯއިން އަދާކުރަންޖެހެއެވެ. އެގޮތުން ކައުންސިލްތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް މިބިލުގައި ކަނޑައަޅާފައި ވެއެވެ. ކައުންސިލެއްގެ އިޚްތިޞާސް ހިނގާ ދާއިރާގައި، ރަސްމީ ތަފާސް ހިސާބު އެއްކުރުމަށް ކުރެވޭ ސަރވޭތަކާއި ބޯހިމެނުމުގައި ތަފާސްހިސާބުގެ ޤައުމީ ނިޒާމުގައި ހިމެނޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އަދި މިމަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވައި މައުލޫމާތުތައް ބެލެހެއްޓުމަކީވެސް ބިއުރޯގެ ޒިންމާއެކެވެ.

ޤާނޫނުގެ ދަށުން ބިއުރޯގެ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ތަފާސް ހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަކީ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ސްޓެޓިސްޓިކަލް ކައުންސިލެއް އެކުލަވާލަންޖެހެއެވެ. 10 މެމްބަރުންގެ މައްޗަށް އެކުލެވޭ މިކައުންސިލުން ޤާނޫނު ތަންފީޒުކުރުމުގައި ތަންފީޒީ އިދާރާތަކުންނާއި، މުވައްސަސާތަކުން ކުރާ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަންޖެހެއެވެ.

މިޤާނޫނުގެ ދަށުން އެއްކުރެވޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ ބިއުރޯގެ ޒިންމާއެކެވެ. ތަފާސްހިސާބު އެކުލަވާލުމަށްޓަކައި، ވަކިވަކި ފަރުދުންނާއި، ވިޔަފާރި ފަދަ ތަންތަނުން އެއްކުރާ ފަރުދީ މަޢުލޫމާތު ބޭނުންކުރެވޭނީ ހަމައެކަނި ތަފާސްހިސާބު އެކުލަވާލުމަށް ކަމުގައި ބުނެފައިވެއެވެ. ރަސްމީ ތަފާސްހިސާބު ނަގައި ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެފަދަ ފަރުދީ މަޢުލޫމާތު އެކުލެވޭ ޑޭޓާގެ ސިއްރު ހިފެހެއްޓުން ލާޒިމްކޮށްފައި ވާއިރު، މިމައުލޫމާތުތައް ހާމަކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އަދި މިގޮތަށް މައުލޫމާތު ހާމަކުރާ މުވައްޒަފުންނާއި މެދު ފިޔަވަޅުއަޅައި ވަޒީފާއިން ވަކިކޮށް 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރުވެސް ބިރޯއަށް ދީފައިވެއެވެ.

މި ބިލަކީ، ރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދަށް ޤާނޫނީ ބާރު ލިބިދިނުމަށް، ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ކަނޑައަޅައި، އެކަންކަން ހިންގުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފެއްދުމާއި، އެ މުއައްސަސާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެކުލަވާލާފައިވާ ބިލެކެވެ.