ޚަބަރު

މިއަހަރުގެ ޙައްޖު ވެވެނީ ހަމައެކަނި ސައުދީގައި އުޅޭ މީހުންނަށް


މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީގައި ތިބި އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން މަދު އަދަދެއްގެ ބަޔަކަށް ދިނުމަށް ނިންމައިފިއެވެ.

ސަޢުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން އެބަލި ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި ހިނގާ 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވީހާވެސް މަދުބަޔަކަށް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ސައުދީގެ ރައްޔިތުންގެ ތެރެއިން ފުރުސަތުދޭ މީހުންގެ އިތުރުން އެޤައުމުގައި ދިރިިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާނެކަމަށެވެ.

މި ގޮތަށް ނިންމާފައި މިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރުމާއެކު ސިއްޙީ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބައި މީސްތަކުންގެ ފުރާނައަށް ނުރައްކާވުން ކުޑަކުރުމަށްކަމަށެވެ.

ސައުދީން އަބަދުވެސް އިސްކަންދޭނީ ވީހާވެސް ގިނަބަޔަކަށް ޙައްޖާ އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށްކަމަށާއި ނަމަވެސް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތު ފެށުނު ހިސާބުން ފެށިގެން ހައްޖުވެރިންނާއި އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެޤައުމުން ބޭރުން މިފަހަރު ހައްޖަށް މީހުން އެތެރެވުން މަނާކުރެވުނީވެސް އެސަބަބައްޓަކައިކަން ވަނީ ފާހަގަކޮށްފައެވެ.

ކޯވިޑްގެ ބަލި މަޑުކަމާއި ގުޅިގެން މުސްލިމުންގެ ދެ ހަރަމްކަމަށްވާ މަސްޖިދުލް ހަރަމާއި މަދީނާގެ މަސްޖިދުލް ނަބަވީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާ އޮތުމަށްފަހު ނަބަވީ މިސްކިތުގައި މިދިޔަ މަހުގެ 31 ވަނދުވަހުން ފެށިގެން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އާއްމުކޮށް ހުޅުވާލާފައެވެ. އެހެންނަމަވެސް މައްކާގެ ހަރަމް އަދި މިހާތަނަށް އާއްމުކޮށް ހުޅުވާލާފައެއް ނުވެއެވެ.

ސައުދީ މިހާތަނަށް 161,005 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 1300 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި ސައުދީ މި ބަލި ފެންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.