ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ފުރުވާލި ބަންގްލަދޭޝްގެ 3 މީހަކު ޕޮޒިޓިވް ވެއްޖެ


ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެދަށުން ބަންގްލަދޭޝަން ފޮނުވާލި އެޤައުމުގެ 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ، އެމީހުން ރާޢްޖެއިން ފުރުވާލުމުގެ ކުރިން ނެގި ސާމްޕަލްތަކުގެ ނަތީޖާއިން ކަމަށެވެ. މަބްރޫކް ވިދާޅުވީ، ރާއްޖެއިން ފުރުވާލާ އެންމެންވެސް ފުރުވާލުމުގެ ކުރިން ކޯވިޑް-19އަށް ޓެސްޓު ކުރާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝްއަށް ފޮނުވާ މީހުންވެސް ޓެސްޓު ކުރާކަމަށާ، އަދި އެމީހުން އެނބުރި ޤައުމަށް ދިއުމަށްފަހު ކަރަންޓީންކޮށް ޓެސްޓްވެސް ހަދަމުންދާކަމަށެވެ. ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅުނު ބަންގަލޭޝްގެ 2499 މީހަކު މިހާތަނަށް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އިންޑިއާއަށް ފޮނުވި އެޤައުމުގެ ރައްޔިތުންގެ ތެރެއިންވެސް 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަންވެސް މީގެ ކުރިން އެންއީއޯސީން ވަނީ ހާމަކުރައްވާފައެވެ. އަދި މީގެ އިތުރުން ރާއްޖެއިން އިޓަލީއަށްދިޔަ 2 ފަތުރުވެރިއަކުވެސް މީގެ ކުރިން ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހުންވެސް ޕޮޒިޓިވްވި ކަން އެނގިފައިވަނީ އެމީހުން ފުރުވާލުމުގެ ކުރިން ހެދި ޓެސްޓުންކަން އެންއީއޯސީން ކުރިން ވަނީ ވިދާޅުވެފައެވެ.