އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޚާއްސަ އެޑްވައިޒަރަކަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން ޢައްޔަންކުރައްވައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްއާއި ޕީއެންސީބުނީ ޑރ.ވަޙީދު އެދެޕާޓީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ އެކޯލިޝަނުގެ އިސް ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ޑރ.ވަޙީދުވަނީ ވާހަކަފުޅުދައްކައި ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މ.ދިމްޔާތުގައި ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.ވަހީދު ވިދާޅުވީ އެމަނިކުފާނު އިދިކޮޅު ސިޔާސީ ޙަރަކާތުގެ ކުރީސަފަށް ނުކުމެ ވަޑައިގަތީ އެއްވެސް އަމިއްލަފުޅު ވަކި މަޤުސަދެއް އޮވެގެން ނޫންކަމަށެވެ. ހަމައެކަނި ބޭނުންފުޅަކީ ޤައުމުގެ މިސްރާބު މިހާރު އޮތްގޮތުން އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކުރެއްވުންކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި، ސަރުކާރުގެ ސިޔާސަތުތަކަށް އިޝާރާތްކުރައްވައި ރައީސް ޑރ.ވަޙީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ނޭދެވޭ ބަދަލުތަކެއް އައިސްފައިވާކަމަށް ތުހުމަތުކުރައްވައި އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ.ވަޙީދު ޕީޕީއެމްއާ ގުޅިވަޑައިގަތީ 2014ވަނަ އަހަރުއެވެ. އޭރު ޕީޕީއެމާ ގުޅިވަޑައިގެންނެވިފަހުން މިހާތަނަށް ޕީޕީއެމްއާއި އެޕާޓީ ހިމެނޭ ކޯލިޝަންގެ އެއްވެސް ސިޔާސީ ޙަރަކާތަކުން ޑރ.ވަހީދު ފެނިފައެއް ނުވެއެވެ. ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން އެޑްވައިޒަރަކަށް ޢައްޔަންކުރައްވާފައިވަނީ މިރޭ ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ބައްދަލުވުމެއްގައެވެ.