ޚަބަރު

ވައިގެ ޙަމަލާތަކެއް ދިނުމަށްފަހު ތުރުކީވިލާތުގެ ފައުޖުތައް ޢިރާޤަށް އަރައިފި


ވަރުގަދަ ވައިގެ ޙަމަލާތަކެއް ދިނުމަށްފަހު، ތުރުކީވިލާތުގެ އަސްކަރީ ފައުޖުތައް ޢިރާޤުގެ ސަރަޙައްދަށް ވަދެއްޖެއެވެ.

ފާއިތުވި 10 ދުވަހުގެ ތެރޭގައި ޢިރާޤުގެ އުތުރުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް ޢަމާޒުކޮށް ތުރުކީވިލާތާއި އީރާނުގެ އަސްކަރިއްޔާއިންވަނީ ވައިގެ ޙަމަލާތަކެއް ދީފައެވެ. ދެ ޤައުމުން ގުޅިގެން ޙަމަލާދީފައިވަނީ ޢިރާޤާއި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާއި ޢިރާޤާއި އީރާނުގެ ސަރަޙައްދީ ރޮނގު ހިމެނޭ ސަރަޙައްދުތަކަށެވެ.

ތުރުކީވިލާތާއި އީރާނުން ބުނާ ގޮތުގައި ޢިރާޤަށް ޙަމަލާ ދެނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށެވެ. ކުރުދިސްތާން ވޯކަރސް ޕާޓީ، ޕީކޭކޭގެ ހަނގުރާމަވެރިން ސޫރިޔާގައި ޙަރަކާތްތެރިވާ ތުރުކީވިލާތުގެ ސިފައިންގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދަތަކަށް ބޮމުގެ ޙަމަލާތަކެއް ދީފައިވާކަމަށް ތުރުކީވިލާތުންވަނީ ތުހުމަތުކޮށްފައެވެ. އެފަދަ ޙަމަލާތަކެއް އީރާނަށްވެސް އަމާޒުވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ.

ތުރުކީވިލާތާއި އީރާނަކީ ހަތުރުވެރި ދެ ޤައުމެވެ. އެގޮތުން، އެ ދެ ޤައުމަކީ ސޫރިޔާގެ ދާޚީލީ ހަނގުރާމައިގައި މުހިންމު ދަޢުރެއް އަދާކުރަމުންދާ ދެ ޤައުމެވެ. އީރާނުން ދަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތްތަކަށް އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީވިލާތުންނެވެ. އެ ޤައުމުންވަނީ ހަނގުރާމަވެރި ޖަމާޢަތަތްކުގައި ދިފާޢުގައި އަސްކަރީ ފައުޖުތައް ސޫރިޔާއަށް ފޮނުވައިފައެވެ. އެހެންކަމުން، ތުރުކީވިލާތާއި އީރާނުން ގުޅިގެން ޢިރާޤުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް ޙަމަލާދިނުމުން ގިނަ ބަޔަކުވަނީ ހައިރާންވެފައެވެ. ތުރުކީވިލާތުންވަނީ އީރާނާއި ޢިރާޤު ގުޅޭ ސަރަޙައްދަށްވެސް ޙަމަލާ ދީފައެވެ.

ކުރުދީންނާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ޢިރާޤާއި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއިންވަނީ އެކަން ކުށްވެރިކޮށް، ތުރުކީވިލާތާއި އީރާނުން ޢިރާޤުގެ އިސްތިޤުލާލަށް އަރައިގަންނަމުންދާކަމަށް ތުހުމަތުކޮށްފައެވެ. ޢަރަބި ޤައުމުތަކުން ޤަބޫލުކުރާގޮތުގައި ސަރަޙައްދީ ބާރުތަކަކީ ކޮންބައެއްކަން ޢިރާޤުގެ ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި މުސްޠަފާ އަލްޚަދީމީއަށް ދެއްކުމަށް ތުރުކީވިލާތާއި އީރާނުންދަނީ މަސައްކަތްކުރަމުންނެވެ.

ޢިރާޤުގެ އަސްކަރިއްޔާއާއި ކުރުދީ ހަނގުރާމަވެރިންނަށް ތުރުކީވިލާތާއި އީރާނުން ދެމުންދާ ޙަމަލާތަކަށް ރައްދު ދިނުމަށްވަނީ ނުކުޅެދިފައެވެ.