ޚަބަރު

"މާޕް"ގެ ވާޗުއަލް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިން އިންތިޒާމުކުރާ ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާޕުން ބުނީ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހުގެ ނިޔަލަށެވެ. "ކްރިއޭޓިން އަ ވެލިއު ޑްރިވަން ލާނިން ކަލްޗަރ" މި މައިގަނޑު ނަމުގެ ދަށުން ބާއްވާ މިކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިޔާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ އަދި ސިންގަޕޯރގެ މަޝްހޫރު ބޭބޭފުޅުން އެކި ސެޝަންތައް ނަންގަވައިދެއްވާނެކަމަށް މާޕުން މައުލޫމާތު ދެއެވެ.

ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 2020އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން މިކޮންފަރެންސްއާބެހޭ އިތުރު މަޢުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވި "ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް" ބޭއްވީވެސް މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިންނެވެ. މިދިޔަ އަހަރު ބޭއްވި މިކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް، ލާނިންގ އަދި ޑިވެލޮޕްމަންޓް ސްޓްރެޓެޖ ތަކާއި އުކުޅުތައް އަދި ގޮންޖެހުންތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޢުލޫމާތު ދީފައެވެ.

މިފަހަރުގެ ކޮންފަރެންސާ ބެހޭގޮތުން ވާހަކަދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕްގެ ދެވަނަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ދިމާވެފައިވާ މިހާލަތުގައި އެންމެ ރަގަޅުވާނީ މި ކޮންފަރެންސް ވާޗުއްލް ކޮށް ބޭއްވުން ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެހެންކަމުން މިފަހަރުގެ މުޅި ކޮންފަރެންސްގައި، ކީނޯޓް ތަކާއި ކޭސް ސްޓަޑީ އަދި ޕެނަލް ޑިސްކަޝަންތައްވެސް ބާއްވާނީ ވާޗުއަލް ޕްލެޓްފޯމްތަކުގައިކަމަށެވެ. އަދި މުޅި ކޮންފަރެންސްއަކީ ހިލޭ ބައިވެރިވެވޭ އިވެންޓަކަށް ވުމަކީ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމުގައިވެސް އަފީފް ފާހަގަ ކުރެއްވިއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. މިޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ވަސީލަތްތައް ހޯދުމަށް އެހީތެރިވެދިނުމެވެ. އަދި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.

މި ޖަމްޢިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާއިރު، ދާއިރާއާ ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.