ވިޔަފާރި

ބީއެމްއެލްއިން 4 ރަށެއްގައި އޭޓީއެމްގެ ޙިދުމަތްދޭން ފަށަނީ


ބޭންކް އޮފް މޯލްޑިވްސްއިން 4 ރަށެއްގައި އޭޓީއެމް ބަހައްޓަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން އަޅަންނިންމި އޭޓީއެމްތަކެއްކަމަށެވެ.

ބީއެމްއެލްއިން އޭޓީއެމް އެޅުމަށް ކަނޑައެޅި 4 ރަށުގެ ތެރޭގައި ހިމެނެނީ ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށި އެވެ. ބީއެމްއެލްއިން އަންނަނީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާ ކުރިއަށްގެންދަމުންނެވެ. މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމްތަކެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި 4 ރަށުގައި ޤާއިމްކުރާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޯވިޑްއާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން މި މަސައްކަތައް ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. ޢަދި މިހާރު މަސައްކަތްކުރަމުން ދަނީ މިރަށްތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތްކަމަށާއި އުއްމީދުކުރަނީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން މިހާރުވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި 55 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު އަދި 116 އޭޓީއެމް ޤާއިމްކޮށްފައެވެ.