ޚަބަރު

ތަހުގީގުތައް ހުއްޓާލާފައިވާ ކަމަށް ބުނެފައެއް ނުވާނެ: ރިޔާސީ ކޮމިޝަން


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލުމަށް އެކުލަވާލި ކޮމިޝަންގެ އެއްވެސް މައްސަލައެއްގެ ތަޙުޤީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މަސައްކަތް ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަޙުޤީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭ މައުލޫމާތު މަޖިލީހަށް ފޮނުވާފައި ވާކަމަށެވެ. އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތައް މަޖިލީހަށް ދަންނަވާފައި ވާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އެހެންނަމަވެސް އެކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެކަމަށާއި، ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާކަމުގައިވެސް ވަނީ ބުނެފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ތަހުޤީޤުކުރަމުން ގެންދިޔަ މައްސަލަތައް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި މިސްކިތްތަކުގައި މިފަދަ ކަންކަން ރާވައި ހިންގާކަން ހާމަކޮށްފައި ވާކަމަށެވެ. މަޖިލިސް ރައީސް ވިދާޅުވީ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް މިހާރު މަޖިލީހަށް އަންގާފައިވާކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާނެ ވަކިގޮތެއްވެސް އަންގާފައި ނުވާކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.