ތިމާވެށި

6 ވަނަ ތްރީއާރް ފޯރަމް މިއަދު ފަށައިފި


އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމް މިއަދު ފަށައިފިއެވެ. މި ފޯރަމް ރަސްމީކޮށް ފަށްޓަވައިދެއްވީ، މިއަދު ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުއެވެ. އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ހިމެނޭ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ތްރީއާރް ފޯރަމަކީ، ޔުނައިޓެޑް ނޭޝަންސް ސެންޓަރ ފޮރ ރީޖަނަލް ޑިވަލޮޕްމަންޓް، ޔޫ.އެން.ސީ.އާރ.ޑީއާއި، ޖަޕާން ސަރުކާރުގެ އެހީގައި ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. ތްރީއާރް ރަމްޒުކޮށްދެނީ "ރެޑިޔުސް، ރީޔޫސް އަދި ރިސައިކަލް" މި ތިން ލަފުޒެވެ. ކުނިމަދުކުރުން، އަލުން ބޭނުންކުރުން އަދި އެހެން އެއްޗަކަށް ބަދަލުކޮށްގެން ބޭނުންކުރުން މި ޝިޢާރަށް ޚާއްސަކުރެވޭ މި ފޯރަމަކީ، ރައްކާތެރިގޮތުގައި ކުނިނައްތާލުމާއި ގުޅޭގޮތުން ސަރަހައްދީ ފެންވަރުގައި ބާއްވާ 6 ވަނަ ބައްދަލުވުމެވެ. މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ މިފޯރަމް ކޯ – ޗެއަރ ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބާއި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމެވެ.ތްރީއާރް ފޯރަމް ރަސްމީކޮށް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ވިދާޅުވީ، ތަރައްޤީގެ ދުވެއްޔާއެކު، އާއްމުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި ރާއްޖެ އުފެދިފައިވާގޮތުން، ވަކިވަކި ރަށްތަކުގައި އެފަދަ ނިޒާމްތައް ޤާއިމުކުރުމަކީ ޙަރަދުގެ ގޮތުން ބަލާނަމަވެސް، އެންމެ އެކަށީގެންވާ ނިޒާމެއް ނޫންކަމަށެވެ. އެހެންކަމުން ވަކިވަކި ރަށްތަކުގެ ބަދަލުގައި އެކި ސަރަހައްދުތަކަށް ޚާއްސަ ކުރެވިގެން ކުނި ނައްތާލުމުގެ ނިޒާމެއް ތަޢާރަފުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށެވެ. އަދި މިކަމަކީ އާއްމުންގެ ދިރިއުޅުމާއި ވަށާގެންވާ ތިމާވެށި ރައްކާތެރިކުރުމާއި ގުޅިފައިވާކަމެއްކަމަށާއި، އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ކަނޑުފަޅުތައް ހިމެނޭހެން ދުނިޔޭގެ ދިރުންތައް އަދި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓުމުގައިވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލަތައްކަމަށެވެ.މި ފޯރަމްގައި އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ޔޫ.އެން.ސީ.އާރ.ޑީއާއި ޖަޕާން ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި މަންދޫބުން ވަނީ ރާއްޖެއަކީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި އަޑުއުފުލާ އެންމެ ވަރުގަދަ އެއް ޤައުމުކަން ފާހަގަކުރައްވާ، ރާއްޖޭގައި ތިމާވެއްޓާއި ގުޅުންހުރި މިފަދަ ފޯރަމެއް ބޭއްވިގެން ދިޔުމުން އެކަމާއި އުފާކުރައްވާކަން ހާމަކުރައްވާފައެވެ. އަދި މި ފޯރަމް މެދުވެރިކޮށް، ސަރަހައްދީ ޤައުމުތަކުގެ މެދުގައި ތިމާވެށި ހިމާޔަތްކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެކަން އެފަރާތްތަކުން ވަނީ ފާހަގަކުރައްވިއެވެ.ތްރީއާރް ފޯރަމް ފައްޓަވައިދެއްވުމުގެ އިތުރުން، ނައިބު ރައީސް އަހުމަދު އަދީބް ވަނީ އިންޓަރނޭޝަނަލް ތްރީއާރް އެގްޒިބިޝަންވެސް ހުޅުއްވައިދެއްވާ، އެތަން ބައްލަވާލައްވާފައެވެ. ތްރީއާރް ފޯރަމާއި ގުޅުވައިގެން ޤައުމީ ތްރީއާރް ދުވަހުގެ ގޮތުގައި މިމަހުގެ 16 ވަނަ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ، ދުވަހުގެ ޚާއްސަ ޝީޢާރެއްގެ ގޮތުގައި "އުފެދޭ ކުނީގެ އަދަދު މަދުކުރުމާއި، ކުނީގެ ތެރެއިން ނައްތާލަންޖެހޭ މިންވަރު މަދުކުރުން" މި ޝިޢާރު ވަނީ ކަނޑައަޅާފައެވެ. އަދި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން 99 ރިސޯޓަކާއެކު ޙާއްސަ ޑެކްލަރޭޝަނެއްގައި ސޮއިކޮށްފައިވާއިރު، ސާފުރާއްޖެ ކެމްޕޭންގައި އަތޮޅުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ހުރިހާ އަތޮޅު ކައުންސިލްތަކުންވަނީ ސާފު ރާއްޖެ ކެމްޕެއިންގެ އިޤްރާރުގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ތްރީއާރް އެވޯރޑެއްވެސް ކޮންމެ އަހަރަކު ދޭ ގޮތަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ.