ވިޔަފާރި

5 ރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް ބީއެމްއެލްއިން މާލީ އެހީތެރިކަން ފޯރުކޮށްދީފި


ބީއެމްއެލުން ކުރިއަށްގެންދާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލުކޮށްފިއެވެ.

އަހަރެންގެ ބޭންކު ކޮމިނިއުޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވަސް އިން ތައާރަފްކޮށްފައިވާ ފަންޑެކެވެ.

ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލުން ރަގަޅު ތަރުހީބެއް ލިބެގެން ދިޔަ ކަމަށް ބީއެމްއެލުން ފާހަގަކުރެއެވެ. ބީއެމްއެލުން ހޮވާފައިވާ ފަސް ޕްރޮޖެކްޓަކީ:
 ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން - ޖިނާން މުޙައްމަދު
 އއ. ތައުލީމީ މަރުކަޒުގެ (އ.އ ރަސްދޫ) ލައިބްރަރީ ތަރައްޤީކުރުން –- އިސްމާޢިލް ޝިމާއު
 ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން - –ފަހުދު ޢަބްދުއްޝަކޫރު
 ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކުރުން - ހުވަދޫ އެސޯސިއޭޝަން ފޯރ ޓުއަރިޒަމް (ހެޓް)
 ސ.ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕާކެއް ގާއިމްކުރުން – ޝިމްލާ އަޙްމަދު –

އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ހަރަކާތްތަކާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އަމާޒަކީ މިއަހަރުވެސް 20 ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

" މިވަނީ ކޯވިޑް-19 ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއްވެސް މިވަނީ ކުރިމަތިވެފަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަންފޯރުކޮށްދިނުން" ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެންދާނެ ކަމަށް ބީއެމްއެލުން ދެކެއެވެ. މި ފަންޑުގެ ދަށުން މިހާތަނަށް 25 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ބީއެމްއެލުން ފާހަގަކުރެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާލާނީ އެންމެ ރަގަޅު ފަސް ޕްރޮޕޯސަލެކެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ބީއެމްއެލުން 50,000 ރުފިޔާ ދޭނެއެވެ.