ޚަބަރު

އިޤްތިޞާދު ފަށަން ގޮވާލާ ހުށަހެޅި ޤަރާރު މަޖިލީހުން ބަލައިގެންފި


ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކާ ކުރިމަތިލުމަށް، އައު ޢާއްމު ޙާލަތުގެ ތެރެއިން "ކޯވިޑް ފްރީ ޒޯން"އެއް ކަނޑައަޅާ، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެގޮތަކަށް، ޤައުމު ހުޅުވާލުމަށް ގޮވާލާ ހުށަހެޅި ޤަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މިޤަރާރު މަޖިލީހަށް ބަލައިގެންފައިވަނީ 62 މެމްބަރުންގެ ވޯޓާއެކުގައެވެ. މިޤަރާރު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ. މި ޤަރާރަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވޭނެގޮތެއް ފަހިކުރުމުގެގޮތުން، ދުނިޔޭގެ ޤައުމުތަކުންވެސް ޢަމަލުކުރަމުން އަންނަ ފަދައިން، ރާއްޖެއިންވެސް ޞިއްޙީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް، އިޤްތިޞާދީ ޙަރަކާތްތައް ވަކިހަމަތަކެއްގެ މަތިން ހުޅުވާލުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ.

މި ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދު ހުޅުވާލުމުގައި ރާއްޖޭގައި މިބަލި ފެތުރިފައިވާ ސަރަޙައްދުތަކަށާއި، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ޖިއޮގްރަފިކަލް ގޮތުން އެތުރިފައިވާ ގޮތަށާއި، އެސަރަޙައްދުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ޤާއިމުވެފައިއޮތް މިންވަރަށް ބަލައިގެން، އެންމެ އެކަށީގެންވާ ސަރަޙައްދުތައް އެކި މަރުޙަލާތަކުގައި ހުޅުވަންޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ.

އެގޮތުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރަށް، ރާއްޖޭގެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލަންޖެހޭކަމަށެވެ. އަދި ކަނޑުމަގުން ރާއްޖެއަށްއެތެރެކުރެވޭ މުދަލަށް ބަނދަރުތައް ހުޅުވާލުމުގެ ޕްލޭނެއް އެކުލަވާލާ މާލޭ ބަނދަރުގެ އިތުރުން އައްޑޫސިޓީގެ ބަނދަރާއި ކުޅުދުއްފުށީސިޓީގެ ބަނދަރު އާގުބޯޓުފަހަރުތަކަށް ހުޅުވާލަންޖެހޭކަމަށް މިޤަރާރުގައި ބުނެފައިވެއެވެ.

އުތުރާއި ދެކުނުގައި ބަނދަރުތައް ހުޅުވިއްޖެނަމަ ސަރުކާރާއި ޢާއްމު ވިޔަފާރި ތަކުގެ ގުދަންތައް އެސަރަޙައްދުތަކުގައި އިތުރުވެ، އަދިއެ ސަރަޙައްދުތަކާ ކައިރިއަތޮޅުތަކަށް އިޤްތިޞާދީ ގޮތުން ލުއި ފަސޭހަތަކެއް ލިބި، ތޮއްޖެހިފައިވާ މާޙައުލަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވެންދެން އިޤްތިޞާދު ހުއްޓާލައިގެން ތިބެންޖެހޭ މުއްދަތު ދިގުލައިގެންދާނަމަ، އިޤްތިޞާދީ ތަދުމަޑުކަމެއްގެ ނިކަމެތިކަމާއި ކުރިމަތިލާންޖެހެއެވެ. އަދި ބަލިޖެހޭ މިންވަރު ގިނަވުމުގެ ބިރު ނުހަނު ބޮޑުވެފައިވާއިރު، މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރި އަމާޒެއްގެ ދަށުން މިކަންކުރުމަށް ދިވެހިރާއްޖޭގެ ތިން ސަރަޙައްދެއް އިޤްތިޞާދީ ގޮތުން ހުޅުވާލުމަށް މިޤަރާރުގައިވަނީ ގޮވާލާފައެވެ.