ޚަބަރު

ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަސްކުރީ މަޝްވަރާތައް ކުރާތީ: ޓްރަންޕް


އުއިގަރ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައިގައި ޗައިނާގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަސްކުރީ އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ދާތީކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭކަމަށް ބުނެ ޗައިނާގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ބިލެއް އެމެރިކާގެ ރައީސް ޓްރަންޕްވަނީ ތަސްދީޤު ކުރައްވައިފައެވެ. އެ ބިލުގެ މަޤްސަދަކީ އިންސާނީ ހައްޤުތަކާ ގުޅޭގޮތުން ޗައިނާއަށް ސާފު މެސެޖެއް ފޮނުވުންކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

ޝިންޖިއާން މައްސަލައިގައި 2018 އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާއަށް ފިޔަވަޅު އެޅުމަށް ވިސްނަމުންދާކަމަށާއި ފިޔަވަޅު ނާޅާ މަޑުޖައްސާލީ ވިޔަފާރިއާއި ދާޚިލީ ގުޅުންތަކަށް ރިޢާޔަތްކުރުމަށްފަހުކަމަށް މީގެ ކުރިން އެމެރިކާއިންވަނީ ބުނެފައެވެ. 2019ވަނަ އަހަރު ޗައިނާއާއި އެމެރިކާއާ ދެމެދުވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދާލާއި ޚިދުމަތްތައް ހޯދުމަށް ޗައިނާއިން އެއްބަސްވެފައިވާކަމަށް އެމެރިކާއިން ބުނެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަންޕް ވިދާޅުވީ ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ޗައިނާއާއެކު މަޝްވަރާކުރާތީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނާޅައި އެމެރިކާއިން މަޑުކޮށްފައިވާކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން އެމެރިކާއިން 250 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ގަތުމަށް ޗައިނާއިން އެއްބަސްވެފައިވާކަމަށެވެ. އެ އެއްބަސްވުމަކީ ވިޔަފާރީގެ މުހިންމު އެއްބަސްވުމެއްގެ ގޮތުގައި ޓްރަންޕް ސިފަކުރެއްވިއެވެ.

އެތައް ހާސް މުސްލިމުންނެއް ޝިންޖިއާންގައި ބަންދުކޮށްފައިވަނީ ތަފާތު އެކި ތަމުރީނުތައް ދިނުމަށްކަމަށާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށް ޗައިނާއިންވަނީ ބުނެފައެވެ. އެމެރިކާއިން ފާސްކޮށް، ތަސްދީޤުކުރި ބިލަކީ ޗައިނާއަށް ދިން ޒާތީ ޙަމަލާއެއްކަމަށް އެ ޤައުމުގެ ޚާރިޖިއްޔާއިންވަނީ ބުނެފައެވެ. އެކަމުގެ ރައްދުގެ ގޮތުގައި ޗައިނާއިން ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރުވަނީ ދީފައެވެ.