ޚަބަރު

މަޖިލިސް ކައިރިއަށް އެއްވި މީހުން ފޮނުވާލައިފި


ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި ޚިލާފަށް މިއަދު ރައްޔިތުންގެ މަޖިލިސްކައިރިއަށް އެއްވި މީހުން އެސަރަހައްދުން ފޮނުވާލައިފިއެވެ.

މަޖިލިސް އިދާރާކައިރީގައި މިއަދު އެއްވެ އިހުތިޖާޖްކޮށްފައިވާ މީހުންވަނީ ޝުއޫރުފާޅުކޮށް މަޖިހާއި ކައިރިވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުންވަނީ އެއްވި މީހުން ފަހަތައް ޖައްސައި އެސަރަހައްދުން މީހުން ފޮނުވާލާފައެވެ. އެސަރަހައްދަށް އެއްވި މީހުން އެތަން ދޫކޮށް ދިޔުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުންވެސް ނުދާން ގަދަހަދައި އެސަރަހައްދުގައި އިށީނުމުން ފުލުހުންވަނީ އެ މީހުން އެސަރަހައްދުން ދުރައްޖައްސާފައެވެ.

މިއެއްވުން ބޭއްވުމަށް ތައްޔާރުވެ މަސައްކަތް ފެށި ހިސާބުންވެސް ފުލުހުން ވަނީ އެފަދަ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ފުރަބަންދަށް ލުއިދީފައިވާ މަރުޙަލާގައި ވެސް، ޢާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ ނުވާގޮތަށެވެ. ނަމަވެސް އެއާއި ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބޭއްވުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ސިއްޙީ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ އެންމެންވެސް އެޗްޕީއޭގެ އެންގުންތަކާއި އެކަށައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.